ކުޅިވަރު

ރައީސް، ރާޒުވާ ކުޅުމަށް ހާއްސަ "ޗެސް އާކޭޑް" ހުޅުއްވައިދެއްވައިފި

ފަތޯނާ ފާއިޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ނެޝަނަލް ޗެސް އާކޭޑް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވީ އެކަމަށްޓަކާ މިއަދު ހަވީރު ހުޅުމާލޭގެ މިނީ ސްޕޯޓްސް ކޮންމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން އެތަން ހުޅުއްވައިދެއްވުމުގެ ގޮތުން ފުރަތަމަ ބޯޑުގެ ކުޅުން ފައްޓަވައިދެއްވީ ރައީސް ސޯލިހެވެ. އެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނެޝަނަލް ޗެސް އާކޭޑަކީ، ރާޒުވާ ކުޅުމަށް ޔޫތް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ހަމަޖައްސަވައި ދެއްވި ހޯލެކެވެ. އަދި މީގެ ކުރިން ރާއްޖޭގައި ޗެސް ކުޅުމަށް ހާއްސަ ތަނެއް ނުހުރެއެވެ.

ޗެސް އެސޯސިއޭޝަނުން ބުނީ، ޗެސް ކުޅުމަށް ހާއްސަ ތަނެއް ހުޅުވިގެން ދިއުމަކީ މުބާރާތްތަކަށް ރާޒުވާ ކުޅޭ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.