ބޮލީވުޑް

މުދާ ބެހުމުގައި ދެދަރިންގެ މެދުގައި ތަފާތެއް ނުކުރާނަން: އަމީތާބު

ފަތޯނާ ފާއިޒު

ބޮލީވުޑްގެ އެކްޓަރު އަމީތާބު ބަޗަންއަކީ ދެޖިންސުގެ މެދުގައި އޮންނަ ތަފާތު ކުރުންތައް ނައްތާލުމަށް ވަކާލާތު ކުރާ އެކްޓަރެކެވެ.

އަމީތާބު ވަނީ އިންޑިއާގައި އަންހެން ކުދިންގެ ހައްގުގައި ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށްވާ "ބޭޓީ ބަޗާއޯ، ބޭޓީ ޕަޅާއޯ" ކެމްޕެއިން އެންޑޯސް ކޮށްފައެވެ. އަދި ޔޫއެންގެ ފޮރ އަ ގާލް ޗައިލްޑްގެ އެމްބެސަޑަރަކީވެސް އަމީތާބެވެ.

ދާދި ފަހުން އަމީތާބު ބުނެފައިވަނީ އޭނާ މަރުވުމުން، އޭނާގެ މުދާތައް، ދެދަރިންގެ މެދުގައި ބަހާނީ އެއްވަރަކަށް ކަމަށެވެ. އަމީތާބުގެ ދެދަރިން ތިބެއެވެ. އެއީ އަބީޝެކް އަދި ޝްވޭތާއެވެ. އޭނާގެ މުދާ ދަރިންގެ މެދުގައި އެއްވަރަށް ބަހަން ނިންމާފައިވާއިރު، އޭނާގެ މިލްކިއްޔާތުގައިވާ މުދަލުގެ އަގު 400 މިލިއަން ޑޮލަރަށް އަރައެވެ.

އަމީތާބަކީ އެކި ޕްލެޓްފޯމްތަކުގައި އަންހެނުން ބާރުވެރި ކުރުވުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަންނަ މީހެކެވެ. އަމީތާބު ބުނީ ފިލްމީ ދާއިރާގެ އެކި މަސައްކަތްތަކަށް ބަލާއިރު އަންހެނުންގެ ބައިވެރިވުން ގިނަކަން ފާހަގަކުރެވޭ ކަަމަށެވެ.

އެގޮތުން ފިލްމު އުފެއްދުމާއި، ޑައިރެކްޓް ކުރުން ފަދަ ކަންކަމުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށްވެސް އަމީތާބު ވަނީ ބުނެފައެވެ.