ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ފައިދާކުރާ މިންވަރު ބަލަން މިނިސްޓަރު ޝިދާތާ ގޭގެއަށް

ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ގިނަ ސްކީމްތަކެއް ތައާރަފް ކުރުމާއި ގުޅިގެން އެ ސްކީމްތަކުން ރައްޔިތުންނަށް ފައިދާކުރާ މިންވަރު ބެލުމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ގޭގެއަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މިއަދު މާލެ އާއި ވިލިމާލޭގެ ހަތަރު ގެއަކަށް މިނިސްޓަރު ޒިޔާރަތް ކުރެއްވި ކަމަށެވެ. މި ޒިޔާރަތް ހާއްސަކުރެވިފައިވަނީ ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ގޮންޖެހުންތައް ހުރި، މާލީ ތަނަވަސްކަން ކުޑަ، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނި ދަރިން ބަލަހައްޓާ ފަރާތްތައް ދިރިއުޅޭ އާއިލާތައް ހިމެނޭ ގެ ތަކަށް ކަމަށެވެ.

މިނިސްޓަރުގެ މިއަދުގެ ޒިޔާރަތްތަކުގައި އެކަމަނާގެ އަރިހުގައި މިނިސްޓްރީން އެކުލަވައިލާފައިވާ އިންޓަވެންޝަން ކޮމިޓީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އިންޓަވެންޝަން ކޮމިޓީއަކީ ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް ދެނެގަނެ، އެ ބާވަތުގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އުފައްދާފައިވާ ކޮމިޓީއެކެވެ.

ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ހިންގާ ޕްރޮގްރާމުތަކުގެ ތެރޭގައި މެޑިކަލް ވެލްފެއާ އާއި ހުސްނުވާ އާސަންދަ ސްކީމާއި އުމުރުން ދުވަސްވީ މީހުންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި ދާންމަތިވެފައިވާ ދޮށީ އުމުރުގެ މީހުންނަށް ކުރިއަށް ގެންދާ ހޯމް ވިޒިޓިން ޕްރޮގްރާމާއި ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި ފަގީރު ހާލަތުގައި ދިރިއުޅެމުން މައިންބަފައިންގެ އެހީތެރިކަމެއް ނެތި ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމު ހިމެނެއެވެ.

އޭގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްފަދަ ގިނަ ސްކީމް ތަކެއް ތައާރަފް ކުރެވިފައިވާއިރު، އެފަދަ ސްކީމްތަކުން އާއިލާތަކަށް މަންފާކުރާ މިންވަރު ދެނެގަތުމާއި މިހާރު ގާއިމުކުރެވިފައިވާ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ހުރި ސްކީމްތަކުން ރައްޔިތުންނަށް ފައިދާ ކުރާ މިންވަރު ބެލުމަށް މިނިސްޓަރު ގޭގެއަށް ޒިޔާރަތް ކުރައްވަން ފެއްޓެވިއިރު، މީގެ ކުރިން ބާޒާރުމަތީ ސަރަހައްދުގައި ބައެއް މީހުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށްބުނެ ސަލާންޖަހާ ކަން ފާހަގަކުރެވިފައިވާތީ، މިނިސްޓަރު ޝިދާތާ ވަނީ އެ ފަރާތްތަކާ ބައްދަލުކޮށް، ގިނަ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވައިފައެވެ.

އެގޮތުން ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން ތަފާތު އެކި އެލަވަންސްތައް ލިބުމަށް ޝަރުތު ހަމަވާ، އެކަމަކު މިހާތަނަށް އެފަދަ އެލަވަންސެއް ލިބެމުންނުދާ ފަރާތްތަކަށް މި އެލަވަންސްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވި، އެލަވަންސް ލިބޭނެ މަގުފަހިކޮށްދިނުމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް ފަރާތްތަކަށް އެ ތަކެތި ހޯދައިދިނުމުގައި އެހީތެރިކަން ޖެންޑާ މިނިސްޓްރީން ވަނީ ފޯރުކޮށްދީފައެވެ.

އޭގެއިތުރުން ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވެދީ، ބޭސްފަރުވާ އާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާ ގުޅުވައިދިނުމާއި ވަޒީފާ ހޯދައިދިނުމަށް އެދިފައިވާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމާއި އާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ އާއިލާތަކާ ވާހަކަދައްކައިގެން، އެފަދަ މައްސަލަތައް ހައްލުކުރުމާއި އާއިލާއާ ހަވާލުވުމަށް އަނބުރާ ރަށަށް ދިއުމުގައި ދަތިތައް ހުރި ފަރާތްތަކަށް ވެސް މިނިސްޓްރީން އެހީތެރިވެފައިވެއެވެ.