ސަލްމާން ޚާން އަދި އާލިޔާ ބަޓް އެކީގައި އަލަށް ލީޑުން ފެނިގެންދާނެ ކަމަށް އުންމީދު ކުރި ފިލްމު "އިންޝާﷲ" މިވަނީ ކުރިއަށް ނުގެންގޮސް މެދުކަނޑާލާފައެވެ.
ފިލްމުގެ ޝޫޓިންވެސް ފެށުމަށް ނިންމައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސް ކުއްލިއަކަށް ފިލްމު ހުއްޓާލުމުން ގިނަ ބަޔަކު ތިބީ އެކަމާ ސުވާލުއުފެދިފައެވެ.
ޕްރޮޖެކްޓާ ގާތް މީހަކާ ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމު ހުއްޓާލަން ޖެހުނީ ފިލްމުގެ ހަރަދާއި ބަޖެޓު ބޮޑުކަމުން ސަލްމާން ހުށަހެޅި ހުށަހެޅުން ސަންޖޭ ގަބޫލު ނުކުރުމުން އުފެދުނު ހިޔާލު ތަފާތުވުމާ ގުޅިގެންނެވެ.
އެގޮތުން ސަލްމާންގެ ފީއާ ނުލައިވެސް ފިލްމުގެ ބަޖެޓަކީ 160 ކްރޯޑް ކަމަށާއި، ސަލްމާންގެ ފީ އަކީ 50 ކްރޯޑާއެކު ފިލްމުގެ 40 ޕަސެންޓް ޕްރޮފިޓްކަމުގައި ވެއެވެ. މިހާ ބޮޑު ބަޖެޓަކާއެކު ފިލްމަށް އިންވެސްޓަރުން ނުލިބި ގިނަ ދުވަސްތަކެއް ވަނީ ގޮސްފައެވެ.
މީގެ އިތުރުން ސަންޖޭ ބޭނުންވީ ފިލްމުގެ މިއުޒިކް ރައިޓްސްވެސް އެހެންމީހަކާ ހއިްސާނުކޮށް އަމިލަ ގޮތުގައި ބޭއްވުމަށެވެ. ސަންޖޭއަކީ އަގުބޮޑު ފިލްމު އުފައްދާ މީހެއް ނަމަވެސް ސަލްމާން ބުނިގޮތުގައި މި ފިލްމަކީ އާދައިގެ ލަވް ސްޓޯރީއެއްކަމަށެވެ. މުސްލިމް ވިޔަފާރިވެރިއަކު ހިންދޫ އަންހެނަކު ދެކެ ލޯބިވެގެން ދިމާވާ ކަންކަމުގެ މައްޗަށް ހަދާ ފިލްމެކެވެ. އެހެންކަމުން ފިލްމުގައި މާ އަގުބޮޑު ހެދުމާއި ބޮޑެތި ޕްރޮޑަކްޝަން ފައިސާތަކެއްވެސް ބޭނުން ނުވާނެކަމަށް ސަލްމާން ވަނީ ބުނެފައެވެ. 160 ކްރޯޑްގެ ބަޖެޓަކީ ސަންޖޭގެ އަމިއްލަ ހުށަހެޅުމެއްކަމަށްވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމަށް އިންވެސްޓަރުން ނުލިބުމާ ގުޅިގެން ސަލްމާން ވަނީ ފިލްމަށް ހަރަދުކޮށް ފިލްމުގެ ކޯޕްރޮޑިއުސަރުކަން ވެސް ހުށަހަޅާފައެވެ. ނަމަވެސް ސަންޖޭ އެކަމާ ދެކޮޅު ހެދި ކަމަށްވެއެވެ. އެދެބަސްވުމުގައި ސަލްމާން ވަނީ ފިލްމާ ވަކިވެފައެވެ.
ސަންޖޭ އަކީ މޮޅު ޑައިރެކްޓަރެކެވެ. ނަމަވެސް އެހާ މޮޅު ޕްރޮޑިއުސަރެއް ނޫންކަން މި ކަންކަމުން އެނގޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. މިހާތަނަށް ސަންޖޭ ޕްރޮޑިއުސްކޮށްފައިވަނީ ވަރަށް އަގުބޮޑު ފިލްމުތައް ކަމުގައިވާ "ޕަދްމާވަތު" އަދި "ބަޖިރާއޯ މަސްތާނީ" ކަހަލަ ފިލްމެވެ. އެހެންކަމުން "އިންޝާﷲ" ފަދަ އާދައިގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމަކަށް އެހާ ބޮޑު ބަޖެޓެއް ބޭނުން ނުވާނެކަން ސަންޖޭއަށް ނުވިސްނޭކަން ފިލްމާ ގުޅުން ހުރި ފަރާތަކުން ވަނީ މީޑިއާގައި ހިއްސާކޮށްފައެވެ.
ފިލްމާ ބެހޭގޮތުން މުމްބާއި މިރޯއަށް މައުލޫމާތު ދެމުން ސަލްމާން ބުނި ގޮތުގައި، އޭނާއަށް އެނގޭހާވެސް އެއްޗަކީ ފިލްމަށް ސަންޖޭ ގައްދާރު ނުވާނެކަމެވެ. އަދި ސަންޖޭއާއި އޭނާގެ ގުޅުމަށް އެއްވެސް ބުރުލެއް ނާރާކަމަށެވެ. ސަންޖޭގެ މަންމަ އަދި ކޮއްކޮއާވެސް ސަލްމާނާ އެހާ ގާތްކަމަށް އޭނަ ބުންޏެވެ. ކުރިއަށް އޮތްތަނުގައި ސަންޖޭއާއެކު އެހެން ފިލްމެއްގައި މަސައްކަތް ކުރާނެކަމަށްވެސް ސަލްމާންވަނީ ބުނެގައެވެ.