ޕޮލިސް

މަސްތުވާތަކެއްޗާއެކު ޒުވާން ދެ އަންހެނުން ހައްޔަރުކޮށްފި

ފަތޯނާ ފާއިޒު

އދ މާމިގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ދެ އަންހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ދެ އަންހެނުން ކަމަށެވެ. މި ދެ އަންހެނުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

މާމިގިލީ ބަނދަރު ސަރަހައްދުން މި ދެއަންހެނުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު، އެ ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.