ވިޔަފާރި

ސީގަލް ކެފޭ ހައުސް އިން ބޭކް އޮފް ފެއާއެއް ބާއްވަނީ

އާނިފާ ހުސެއިން ސިރާޖް

ލޯކްލް ބޭކާސް އަށް އަމާޒުކޮށްގެން ސީގަލް ކެފޭ ހައުސް އިން ބޭކް އޮފް ފެއާއެއް ބާއްވަން ނިންމައިފިއެވެ.

ސީގަލް އިން ބުނީ މި ހަރަކާތަކީ ލޯކްލް ބޭކާސް ގެ އިތުރުން ބޭކް ކުރުމަށާއި ޕޭސްޓްރީ އާޓްސްއަށް ޝައުގުވެރިކަން ހުންނަ އެންމެހާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ފެއާއެއް ކަމުގައެވެ.

އެގޮތުން ބޭކް އޮފްގެ ފުރަތަމަ އިވެންޓް ކުރިއަށްދާނީ މާދަމާ 12:00އިން ފެށިގެން 22:00އަށް އަދި މިއަންނަ ހުކުރު ދުވަހުގެ 16:00އިން 22:00އަށް ސީގަލް ކެފޭ ހައުސްގައި ކަމަށް، އެ ކެފޭ ހައުސް އިން މައުލޫމާތުދެއެވެ.

ސީގަލް ކެފޭ ހައުސްއިން އިތުރަށް ބުނީ މި އިވެންޓަކީ މި ދާއިރާގައި ކުރިއަރަން ބޭނުންވާ ބޭކާސް އަށް އެމީހުންގެ ހުނަރު ދައްކާލައި މަސައްކަތުގައި ކުރިއަށް ދިއުމަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ ބޭކް އޮފް އެއް ކަމުގައެވެ.

މި ބޭކް އޮފްގައި ބައިވެރިން ބޭކް ކުރާ ތަކެތި ޝޯކޭސް ކުރުމަށް ހަމަޖައްސާފައިވާ ބޭކާސް އަކީ ފަނާން ހަބީބް (ފްލޯ ލެސް ބައި ފެނީ) އާއި، އާލާ އިބްރާހިމް (އާލާ ބޭކާސް)އާއި، ފައިނާން ހަސަން (ވިސްކް އެމްވީ) އާއި، ޝަޒްލީ މުހައްމަދު ދީދީ (ދަ ލިޓުލް ޓީ ޝޮޕް)ގެ އިތުރުން އަޒްލީނާ ޒާހިރް (އަޒްލީޝިއަސް ބޭކާސް) އިން ކަމުގައި ވެސް ސީގަލް ކެފޭ ހައުސްއިން މައުލޫމާތުދެއެވެ.

މިއީ އަދި ފެށުމެއް ކަމަށާއި މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގޮސްފިނަމަ މުސްތަގުބަލުގައި މިފަދަ އިތުރު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމުގައިވެސް ސީގަލް ކެފޭ ހައުސް އިން މައުލޫމާތުދެއެވެ.