ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން، ތުރުކީވިލާތުގެ ސޯޝަލް ސައެންސަސް ޔުނިވަސިޓީ އޮފް އަންކާރާ (އެސްއެސްޔޫއޭ) އާއެކު މެމޮރޭންޑަމް އޮފް އެގްރީމެންޓެއްގައި ސޮއި ކޮށްފިއެވެ.
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ސްޕްރީމް ކޯޓުން ބުނީ މިއީ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ކޮންޓިނިޔުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިޔުކޭޝަނާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީ، ގަޟާއީ އަދި ގާނޫނީ ދާއިރާއިން އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރުމަށް ޓަކައި ސޮއިކުރެއްވި މެމޮރެންޑަމް އެއްކަމުގައެވެ.
އެގޮތުން އެކަޑަމީ އާއި އެސްއެސްޔޫއޭއާ އެކު ސޮއި ކުރި އެމްއޯޔޫގެ ދަށުން، ދެ މުއައްސަސާ ގުޅިގެން ގަޟާއީ އަދި ގާނޫނީ އިލްމުގެ ދާއިރާއިން ދިރާސާތައް ކުރުމާއި، މި ދާއިރާއިން ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާއި، ޖުޑީޝަލް އެކަޑަމީގެ ޕްރޮގްރާމްތަކުގައި އެސްއެސްޔޫއޭގެ ޕްރޮފެސަރުންގެ ބޭނުން ހިފުމާއި، ދެ މުއައްސަސާ ގުޅިގެން ގަޟާއީ އަދި ގާނޫނީ ދާއިރާއިން އިލްމީ މަސައްކަތްތައް ޝާއިއު ކުރުމާއި، ސެމިނާރުތަކާއި ކޮންފަރެންސްތައް ގުޅިގެން އިންތިޒާމު ކުރުމާއި، ދެ އިދާރާގެ މުއައްޒަފުންގެ ގާބިލުކަން އިތުރު ކުރުމުގައި އެއްބާރުލައިގެން މަސައްކަތް ކުރުމާއި، މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ޖުޑީޝަރީގެ އިލްމީ އަދި ފަންނީ ގާބިލުކަން އިތުރު ކުރުމާ ބެހޭ އެހެން ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ސްޕްރީމް ކޯޓުން މައުލޫމާތުދެއެވެ.
އެކަޑަމީގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރެއްވީ އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޒު އަހުމަދު މާޖިދު އަދި އެސްއެސްޔޫއޭގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވަރސިޓީގެ ރެކްޓަރ، ޕްރޮފެސަރ ޑރ. މުހައްމަދު ބަރްޖާ އެވެ.
މިއީ މިއަހަރުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ފަސް އަހަރުދުވަހުގެ މުއްދަތަށް ސޮއިކުރި އެއްބަސްވުމެކެވެ.
ސްޕްރީމް ކޯޓުން ބުނީ ސޯޝަލް ސައެންސަސް ޔުނިވަރސިޓީ އޮފް އަންކާރާއަކީ، ގަޟާއީ އަދި ގާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއާ ގުޅިގެން މަސައްކަތް ކުރުމަށާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށާއި ކޯޓުތަކުގެ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހި ކޮށްދިނުމުގައި އެކަޑަމީއާ ގުޅިގެން މަސައްކަތް ކުރުމަށް ޓަކައި އެމްއޯޔޫގައި ސޮއި ކުރި ދެވަނަ އިދާރާކަމަށާއި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކަޑަމީން ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް ޔުނިވަސިޓީއާ އެކުގައި ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ކަމުގައެވެ.
މީގެ އިތުރުންވެސް އިތުރު އެއްބަސްވުންތަކުގައި ތުރުކީ ވިލާތުގެ ޖަސްޓިސް އެކަޑަމީ އޮފް ޓާރކީ އާއި، ޕާކިސްތާނުގެ ފެޑްރަލް ޖުޑީޝަލް އެކަޑަމީ އާ އެކުގައި ސޮއި ކުރުމުގެ މަސައްކަތް ފެށި، އަންނަ ސެޕްޓެމްބަރު މަހުގެ 27 އިން 30 އަށް ޖުޑީޝަލް އެކަޑަމީން ބާއްވާ ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސްއަށް ޖަސްޓިސް އެކަޑަމީ އޮފް ޓާކީ އާއި ފެޑްރަލް ޖުޑީޝަލް އެކަޑަމީ އޮފް ޕާކިސްތާނުން ވަޑައިގަންނަވާ މަންދޫބުންނާ އެކު އިތުރު މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖައްސާފައި ކަމަށާއި އިންޑިޔާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީ އާއި، ސިންގަޕޯރުގެ ޖުޑީޝަލް ކޮލެޖާއި، ޔުނައިޓެޑް ކިންގްޑަމްގެ ޖުޑީޝަލް ކޮލެޖާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ފެޑްރަލް ޖުޑީޝަލް ސެންޓަރ އާއި، މެލޭޝިޔާގެ ޖުޑީޝަލް އެންޑް ލީގަލް ޓްރެއިނިންގ އިންސްޓިޓިޔުޓް ފަދަ އިދާރާތަކާ އެކު ވެސް މިފަދަ އެމްއޯޔޫތަކެއް ގާއިމު ކުރުމަށް ރާވާފައިވާކަމަށް ސުޕްރީމްކޯޓުން މައުލޫމާތުދެއެވެ.