އިބްރާހިމް ޒަކީ
ރާއްޖޭގެ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ހޯމް މިނިސްޓްރީއަށް މިހާތަނަށް ހުށަހަޅާފައިވާ މައްސަަލަތަކަށް ބަލާއިރު އަހަރެއްގެ މައްޗަށް، ކުޑަކުދިންނާއި ކުށުގެ ވެއްޓާ ގުޅުންހުރި 300 މައްސަލަ ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ހުށަހަޅުއްވި ކުޑަކުދިންގެ އަދުލުގެ ބިލަށް ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، އެ 300 މައްސަލައިގެ ތެރެއިން 100 މައްސަލައަކީ ތަކުރާރުކޮށް، ކުށްކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ.
ޖީހާން ވިދާޅުވީ، މީގެ މާނައަކީ ކުޑަކުދިން ކުށުން ސަލާމަތް ކުރުމަށް ހައްގު އެހީތެރިކަން ފޯރުކޮށް ނުދެވުން ކަމަށެވެ.
މެންބަރު ވިދާޅުވީ، އެފަދަ ކުދިން ސަލާމަތްކުރަން ގާނޫނީ އޮނިގަނޑުގެ ތެރެއިން މި ހުށަހަޅާ ހައްލަކީ ޖުވެނައިލް ޖަސްޓިސް ގާނޫނެއް ކަމަށެވެ.
ޖީހާން ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ މައިގަނޑު އެއް ބޭނުމަކީ ބޮޑެތި މީހުންގެ އަދުލުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމް ވަކިކުރުން ކަމަށެވެ.
އަދި މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ރުޖޫއީ އިންސާފު ކުޑަކުދިންނަށް ކަށަވަރު ކޮށްދިނުން ހިމެނޭ ކަމަށާއި، ރުޖޫއީ އިންސާފުގެ މަގުސަދަކީ، ކުށުގެ ވެށިން ބޮޑެތި މީހުން ކުޑަކުދިންގެ ކިބައިން ނާޖާއިޒު މަންފާ ނެގުމުން ސަލާމަތް ކޮށްދިނުން ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.