ހުއާން މަޓާ

ފައިނަލެއްގައި ގޯލެއް ޖެހުމަށް ވުރެ، މުޖުތަމައަށް އެހީވުން މާ މުހިންމު: މަޓާ

އަލީ ރިފްޝާން

ފައިނަލެއްގައި ގޯލު ޖެހުމަށް ވުރެ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުން މާ މުހިންމު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ ބުނެފިއެވެ.

ފުޓްބޯޅަ ކުޅުންތެރިންނަށް ލިބޭ އާމްދަނީގެ ކުޑަ އިންސައްތައެއް އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީވުމުގެ ގޮތުން އުމުރުން 31 އަހަރުގެ މަޓާ ވަނީ "ކޮމަން ގޯލް"ގެ ނަމުގައި ޗެރިޓީ ހަރަކާތެއް ފަށައިފައެވެ. މަޓާގެ އިސްނެގުމާއެކު ފެށި އެ ހަރަކާތުގައި މިހާތަނަށް މެޓްސް ހުމުލްސް އާއި ޖޯޖިއޯ ކިއެލިނީ އަދި އެލެކްސް މޯގަން ފަދަ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

"ހަގީގަތަކީ ފުޓްބޯޅައިން ގިނަ ފައިސާ ލިބޭ. އަހަރެންނަށް މައްސަލައަކީ އެއެއް ނޫން. އެ ފައިސާގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އެބަޖެހޭ. މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެ ފައިސާ ހޭދަކުރުމަކީ މާނަ ފުން ކަމަކަށް ވާނެ،" އީއެސްޕީއެންއަށް ދިން އިންޓަވިއުއެއްގައި މަޓާ ބުންޏެވެ.

މަޓާ ބުނީ މުޖުތުމައުގެ މައްސަލަތަކުގައި ފުޓްބޯޅަ ކުޅުންތެރިންގެ ވެސް ޒިންމާ ބޮޑު ކަމަށާއި އެ މައްސަލަތަކާ މެދު ފުޓްބޯޅަ ކުޅުންތެރިންގެ އަޑު އިއްވަން ޖެހޭ ކަމަށެވެ.

މަޓާގެ ފުޓްބޯޅަ ކެރިޔަރުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ޗެލްސީއަށް ކުޅުމަށްފަހު 2014 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު މަޓާ ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި އެފްއޭ ކަޕް އަދި ކޮޕާ ޑެލްރޭ ކާމިޔާބުކޮށްފައެވެ.

ކެރިޔަރުގައި ހޯދުނު އެ ކާމިޔާބީތަކާއި ފައިނަލެއްގައި ގޯލެއް ޖެހުމަށް ވުރެ، އެހެން މީހުންނަށް އެހީތެރިވުން މާ މުހިންމު ކަމަށް މަޓާ ގަބޫލުކުރެއެވެ.