ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރަން މަޖިލީހުން ރުހުން ދީފައިވަނީ މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައެވެ.
މިރޭ ނެގި ވޯޓުގައި ދައުލަތުން ހުށަހެޅި ސަޕްލިމަންޓަރީ ބަޖެޓް ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ހުށަހެޅުން ފާސްކުރުމަށް ބޭނުންވަނީ 36 ވޯޓު ކަމަށް ވުމުން، އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް މި ފޮނުއްވީ މި އަހަރު ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދު، ކުރީން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރުވާނެތީއެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސަޕްލިމެންޓަރީ ބަޖެޓުގެ އަދަދަކީ، 1،703،198،070 ރުފިޔާއެވެ.
ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައިވަނީ، މިއަހަރަށް އަމާޒުކޮށް 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށްދީފައި ވަނިކޮށެވެ. ސަރުކާރުން ބުނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ އެ ބަޖެޓް ހުސްވެގެން ނޫން ކަމަށާއި މިހާތަނަށް އެ ބަޖެޓުން ހަރަދު ކޮށްފައިވަނީ 14.7 ބިލިއަން ރުފިޔާ ކަމަށެވެ.
ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީއަށް ވުރެ ބޮޑު އަދަދެއް ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތްގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުގެ ބަޖެޓުން ދައްކަން ޖެހިފައިވާ މައްސަލައިގައި ބަޖެޓުން ފުރުސަތު ހޯދުމަށް ކަމަށްވެސް މި ބަޖެޓް މަޖިލީހަށް ފޮނުވަމުން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި މިފަދަ ބަޖެޓެއް ހުށަހެޅުމުގެ މަގުސަދަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ތަކުގެ ތެރެއިން މެނިފެސްޓޯގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓްތައް ފެށުން ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.