ޕީޖީ އޮފީސް

އަދީބު ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލައިގައި ދައުވާކުރަން ޕީޖީން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ފިލައިގެން އިންޑިއާއިން ދިޔަ މައްސަލައިގައި، އޭނާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އަދީބު ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލައިގައި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލައި، މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އަދީބުގެ މައްޗަށް ދައުވާކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިޔާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅުނު މައްސަލައިގައެވެ. އެއީ މި މަހުގެ އެއްވަނަ ދުވަހުގަ އެވެ.

ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅުމުން، އިންޑިއާގެ ސަލާމަތީ ބާރުތަކުން، ކަނޑުމަތިން ޓަގު ބޯޓު ހިފަހައްޓާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި އިންޑިއާގެ ސަލާމަތީ ބާރުތަކާއި ރާއްޖޭގެ ސަލާމަތީ ބާރުތައް ގުޅިގެން، އަދީބު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ.

މިމަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ، އެ މައްސަލާގައި އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އެއާ ހިލާފުވެ ރާއްޖެއިން ފިލައިގެން ގޮސްފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

އަދި އެފަދަ ކަމެއް އޭނާގެ ފަރާތުން ދެން ވެސް ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދައުލަތުން ބުނާއިރު މައްސަލައިގެ ބާވަތަށް ބަލައި، އެ މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ރިމާންޑް ޖަލެއްގައި އަދީބު ބަހައްޓަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވެއެވެ.