އިބްރާހިމް ޒަކީ
ކުޑަކުދިންގެ އަދުލުގެ ނިޒާމް މުޅިން ވަކިކޮށް، ކުޑަކުދިންނަށް ހާއްސަ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ގާއިމް ކުރަން ޖެހޭގޮތަށް ފޮނުވި ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވައިފިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި މި ބިލް މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 74 މެންބަރުގެ ތެރެއިން ވޯތު ދެއްވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
މިއީ ކުޑަކުދިންނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ހާއްސަ އެހީތެރިކަމަކާއި ރައްކާތެރިކަން ލިބުން ހައްގު ބަޔަކަށްވާއިރު، ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒުކުރުމުގައި ގެންގުޅެންޖެހޭނެ ހާއްސަ އުސޫލުތަކާއި ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކޮށް، މި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ހާއްސަ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ސަރުކާރަށް ފެނިވަޑައިގެން ހުށަހެޅި ބިލެކެވެ.
މި ބިލު ގާނޫނަކަށް ވުމުން، ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރެވިގެންދާނެއެވެ. އަދި، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ހާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅި މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަހައްދީ ޑިވިޒަންތައް ގާއިމުކުރެވިގެން ދާނެއެވެ.
މި ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، 15 އަހަރު ކަމުގައި ކަނޑައެޅޭނެއެވެ.
ރައީސް އޮފީހުން ބުނީ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ބިލުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ގައުމުތަކުގައި ކަނޑައަޅާފައިވާ އުމުރަށް ރިއާޔަތްކޮށްގެން ކަމަށެވެ.
މި ބިލުގެ ދަށުން، ދާހިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިގެން ދާނެއެވެ.
މީގެ އިތުރުން، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް މި ބިލުގައި ވަނީ ލާޒިމްކޮށްފައެވެ.