އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ޕީޕީއެމް އާއި ޕީއެންސީ ކުރިއަރުވާނެ ބަޔަކު އަބަދުވެސް ތިބޭނެ: އަބްދުއްރަހީމް

ޝަހީދާ އަބްދުﷲ ސައީދު

ޕީޕީއެމް އާއި ޕީއެންސީ ކުރިއަރުވާނެ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީ އަކީ ފިކުރެއްގެ މައްޗަށް ބިނާވެގެން ހިންގާ ދެ ޕާޓީކަމަށާއި ޕީޕީއެމްއާއި ޕީއެންސީއަކީ ތަރައްގީއާއި ކުރިއެރުމުގެ ފިކުރު ކަމަށެވެ.

އަދި އަމިއްލަ މަސްލަހަތަށްވުރެ، ގައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ފިކުރު ކަމަށް އޭނާ ވިދާޅުވިއެވެ. އެފިކުރު ކުރިއަރުވާނެ ބަޔަކު އަބަދުވެސް ތިބޭނެކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެކި އިރު އެކި މީހުން ތިބޭނެ ކަމަށެވެ.

އަބްދުއްރަހީމް މިފަދަ އިބާރާތަކުން ޓުވީޓު ކުރައްވާފައި މިވަނީ ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ރޭގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

މީގެއިތުރުން އަބްދުއްރަހީމް ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ސިޔާސީ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށާއި އަދިވެސް ހުންނެވީ ހަމަ އެގޮތުގައި ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް ހުންނަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި ރައީސް ޔާމީން ދޫކޮށްފައި ދާނެ ދުވަހެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަން، ދޫކޮށް ރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވަނީ ޕީއެންސީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހާއި، ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދާއި ކުރީގެ ހޯމް މިނިސްޓަރު އަޒުލީނު އަހުމަދާއި، ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފުގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގުބާލް އާދަމެވެ.