ރައްޔިތުންގެ މަޖިލިސް

ގޮނޑި މައްސަލަ ޖެހުނު 12 މެންބަރުންނަށް ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދޭން ލީޑަރުން އެއްބަސް ވެއްޖެ

ގޮނޑި މައްސަލަ ޖެހުނު 12 މެންބަރުންނަށް ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދޭން ލީޑަރުން އެއްބަސް ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ކޯލިޝަންގެ ލީޑަރުން ނިންމެވިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މެންބަރުންނަށް އަންގަވާފައެވެ. އަދި އޭގެ ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓެއްގައި ވެސް 12 މެންބަރުންނަށް ޕްރައިމަރިއަކާ ނުލައި ޓިކެޓް ދިނުމަށް ކުރިން އެއްބަސްވެފައިކަން ވަނީ ހާމަކުރައްވާފައެވެ.

މިއަދު 12 މެންބަރުންނާ ބައްދަލުކުރައްވައި ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރަކު ވިދާޅުވީ 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ކޯލިޝަންގެ ލީޑަރުން ނިންމެވީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން މެންބަރުން ކުރެއްވި މަސައްކަތް ފާހަގަކުރެއްވުމުގެ ގޮތުން ކަމަށެވެ.

އަދި އެއީ މާކުރިންވެސް ކޯލިޝަންގެ ލީޑަރުންގެ މެދުގައި ނިންމަވާފައިވާ ނިންމެވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނަޝީދުއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި 12 މެންބަރުންނަށް ޓިކެޓް ދިނުމަށް ކުރިން ނިންމެވި ނިންމެވުން ދަމަހައްޓާނެ ކަމަށާއި، އެ ވައުދު ފުއްދަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

މެންބަރު ވިދާޅުވި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުރެއްވި މަސައްކަތުގައި 12 މެންބަރުންގެ ހައްގުތަކެއް ގެއްލި، އަދި ބައެއް މެންބަރުންނަށް އަނިޔާ ލިބިފައިވާއިރު، ޖަލުގައި ހޭދަކުރެއްވި ދުވަސްތަކާ ގުޅިގެން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ދިނުމަށް މާކުރިންވެސް ލީޑަރުންގެ މެދުގައި ވަނީ އެއްބަސްވެފައެވެ.

މެންބަރުންނަށް ޓިކެޓް ދިނުމަށް ނިންމާފައިވަނީ އެ މެންބަރަކު ބޭނުންވެލައްވާ ޕާޓީއަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޓިކެޓް ދިނުމުގެ ކުރިން 12 ދާއިރާ ކޯލިޝަންގެ މެދުގައި ބެހިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކުރިން ކަނޑައެޅި 12 މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)އާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްޠަފާއާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ)އާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީއެވެ.