އިދިކޮޅުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ރޭ ޖޭޕީއަށް ސޮއިކުރެއްވުމުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.
ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަލާއި ލޭ އޮހޮރުވީ ސާފު އަދި ޒިންމާދާރު ސަރުކާރެއް ގެންނަން ކަމަށެވެ.
ޕީއެންސީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަހްމަދު ނިހާން ހުސެން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި، ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ރޭގައި ސަރުކާރުގެ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ވަނީ ގުޅިވަޑައިގަންނަވާފައެވެ.
އަދި ރޭގެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ލީޑަރޝިޕުގެ ގިނަ ބޭފުޅުންތަކެއް ޖޭޕީއަށް ގުޅިވަޑައިގެންނެވި އިރު އެބޭފުޅުން ވަކިވަކީން ވާހަކަވެސް ދެއްކެވި އެވެ. ހުރިހާ ބޭފުޅުންގެ ވާހަކައިގައި ވެސް ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އެގޮތުން އެބޭފުޅުން ދެއްކެވި ވާހަކައިގައި މައިގަނޑު ގޮތެއްގައި ވިދާޅުވީ، އެހެން ސަރުކާރުތައް ގެނައުމަށް ޖޭޕީގެ ލީޑަރަށް ވަރަށް ގިނަ މަސައްކަތް ކުރެއްވިއްޖެ ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ ސީދާ ގާސިމް އިބްރާހީމް ރައީސް ކަމަށް ވަޑައިގަންނަވާ އިންތިހާބު ކަމަށް ހެއްދެވުން ކޮންމެހެން ވެސް މުހިންމު ކަމަށެވެ. އަދި ޖޭޕީ ބޮޑުކޮށް އެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.