ބޮލީވުޑް

އަންނަ އީދުގައި ސަލްމާން އަދި އަކްޝޭގެ ކުރިމަތި ލުމެއް: ކިކް އަދި ލަކްސްމީ ބޮމް ވެސް ރިލީސްކުރަނީ

އިއްޔެ ވެގެންގޮސްފައިވަނީ ބޮލީވުޑަށް ގިނަ ކަންތައްތަކެއް ކުރިމަތި ކުރުވި ދުވަހަކަށެވެ.

އިއްޔެ ހެދުނުގެ ވަގުތެއްގައި މަގުބޫލު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވަނީ އޭނާ އުފައްދާ ފިލްމު އިންޝާﷲ އުފެއްދުން މެދުކަނޑާލާފައިވާކަން އިއުލާނު ކޮށްފައެވެ. ސަލްމާން ޚާން އާއި އާލިޔާ ބަޓް ލީޑް ރޯލުން ފެނިގެންދާނެ އެ ފިލްމު އުފެއްދުން މެދުކަނޑާލި ވާހަކަ ސަންޖޭ އިއުލާން ކުރިއިރު އޭގެ ކުރީ ދުވަހު ސަލްމާން ވަނީ އިންޝާﷲ އަންނަ އަހަރު އީދުގައި ނެރެން ނިންމާފައި އޮތް ނަމަވެސް، އެފިލްމު ނެރުން ފަސްކޮށްފައިވާކަމަށް ޓުވީޓްކޮށްފައެވެ.

ސަލްމާންގެ އެ ޓުވީޓާއެކު ބަތަލު އަކްޝޭ ކުމާރު ވަނީ އޭނާގެ ފިލްމު "ލަކްސްމީ ބޮމް" އަންނަ އަހަރުގެ އީދުގައި ރިލީސްކުރާނެ ވާހަކަ އިއުލާންކޮށްފައެވެ. އޭގެ ފަހުން އިއްޔެ އިރުއޮއްސެން އުޅެނިކޮށް ސަލްމާން ވަނީ އޭނާގެ ފްރެންޗައިޒް ފިލްމު ކިކް ދޭއް އަންނަ އަހަރުގެ އީދުގައި ރިލީސްކުރަން ހަމަޖައްސާފައިވާކަމަށްވެސް އިއުލާނުކޮށްފައެވެ.

އިންޝާﷲ މެދުކަނޑާލުމާއެކު ސަންޖޭ ދެން މަސައްކަތް ކުރާނީ ކޮންފިލްމެއްގައިކަން ބަލަން ގިނަ ބަޔަކު އަންނަނީ އުންމީދުކުރަމުންނެވެ. ފަހުގެ ރިޕޯޓުތައް ބުނާގޮތުން ސަންޖޭވެސް ވަނީ އަންނަ އަހަރު އީދަށް އެހެން ފިލްމެއް ނެރުމަށް ނިންމާފައެވެ. އެފިލްމުގެ ލީޑް ބަތަލަކަށް ޝާހު ނެގުމަށް އޭނާއާ މަޝްވަރާވެސް ކުރަމުން އަންނަ ކަމަށް ވެއެވެ. އަދި ފިލްމަށް ކިޔާނަން ރަސްމީކޮށް އިއުލާންކޮށްފައި ނުވިނަމަވެސް ވަރަށް ފަހުން އޭނަ ވަނީ "އިޒްހާރު" ގެ ނަން ފިލްމެއް އުފެއްދުމަށް ރަޖިސްޓްރީކޮށްފައެވެ.

ޝާހު އަދި ސަލްމާންގެ ގާތް ގުޅުމުގެ ސަބުން އެދެތަރިންގެ ފިލްމު ކްލޭޝްވެދާނެ ކަމަށް ނުބެލެވޭ ކަމަށް ވެއެވެ. މީގެ ކުރިން ޝާހުގެ ފިލްމު "ރައީސް" ސަލްމާންގެ "ސުލްތާން" އާ އެއްދުވަހެއްގައި އަޅުވަން ޖެހުމުން ޝާހުވަނީ ރައީސް ރިލީސްކުރުން ފަސްކޮށް ސަލްމާނަށް ފުރުސަތު ދީފައެވެ.

ނަމަވެސް އެދެތަރިންނަށްވެސް އޮތް އެންމެ ބޮޑު ކޮމްޕެޓިޝަންއަކަށް ވެފައިވަނީ އަކްޝޭއެވެ. ސަލްމާން އީދުގައި ބައްދަލު ކުރާނެކަމަށް ބުނެފައިވަނިކޮށްވެސް އަކްޝޭ މިވަނީ އޭނާގެ ފިލްމު ހަމަ އެތާރީހުގައި އަޅުވާނެކަމަށް ބުނެފައެވެ.

ކޮންމެއަކަސް މިއަޑުއިވެނީ ސަޅި ފިލްމުތަކެއްގެ ވާހަކަތަކެވެ. އެހެންކަމުން ކޮންމެ ބަޔަކު އީދުގައި ފިލްމު ރިލީސްކުރިސް ފިލްމު ބެލުމަށް ފޯރި ހުންނަ ފަރާތްތަކަށް މިއީ އުފާވެރި ހަބަރުތަކެވެ،