ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވުމުން ބްރޭކެއް ނަގާނެ ކަމަށް އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
އުމުރުން 52 އަހަރުގެ ކްލޮޕް، 2015 ވަނަ އަހަރު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވެފައިވަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހުއެވެ. ލިވަޕޫލާ ހަވާލުވުމަށްފަހު މިދިޔަ ސީޒަނުގައި ކްލޮޕް ވަނީ އެ ކްލަބަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.
ކުރިމަގާ ގުޅޭގޮތުން ޖަރުމަންގެ މަޖައްލާއެއް ކަމަށްވާ "ކިކަރ" އިން ސުވާލުކުރުމުން ކްލޮޕް ބުނީ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ ކްލަބު ދޫކޮށް، ބްރޭކެއް ނަގަން ބޭނުންވާ ކަމަށެވެ.
"އަހަރެންގެ ނިންމުމަކަށް ވާނީ އެ އަހަރު ބްރޭކެއް ނެގުން. އަހަރެން އެއް އަހަރުގެ ބްރޭކެއް ނަގައިފި ނަމަ، އަހަރެންގެ ހަކަތަ އިތުރުވެގެންދާނެ. އެއަށްފަހު އަހަރެން ބޭނުންވާ ގޮތަށް އަހަރެންގެ ވަޒީފާ އަދާކުރެވޭނެ،" އޭނާ ބުންޏެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ކުރިން ކަރަބައޯ ކަޕް، ޔޫރޮޕާ ލީގު އަދި ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. ލިވަޕޫލުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކުރުމަށްފަހުއެވެ.
މިސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ލިވަޕޫލް މޮޅުވެފައިވާ އިރު، މިވަގުތު އެޓީމު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ.