ޝަހީދާ އަބްދުﷲ ސައީދު
ސެޕްޓެމްބަރު 28 ވަނަ ދުވަހު ޕީޕީއެމްއިން ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެންބަރުން ވެސް ވޯޓުލި ކަމަށާއި، އަދި ވޯޓުލުން ކުރިއަށް ގެންދިޔައީ ގަވާއިދާ ޚިލާފަށް ކަމަށް ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް ޖަވާބުދާރީވަމުން އީސީގެ ގާނޫނީ ވަކީލު ރިފްއަތު އަބްދުﷲ ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވި މަންދޫބުންގެ މައުލޫމާތު ފޮނުވިއިރު ފޮނުވާފައިވަނީ ހަމައެކަނި 49 މީހެއްގެ ނަން ކަމަށެވެ. އަދި އެއީ ކޮން ބައެއްކަން ނޭނގޭއިރު، އެއީ ދިވެހިން ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފުނުވާ ކަމަށް ރިފްއަތު ވިދާޅުވިއެވެ.
އަދި ބައިވެރިވި 129 މަންދޫބުންގެ މައުލޫމާތުތައް ފޮނުވިއިރު އޭގެ ތެރޭގައި އެހެން ޕާޓީތަކުގެ ދަފްތަރުގައި ނަން ހިމެނޭ މީހުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އަދާލަތު ޕާޓީގެ މެންބަރަކާއި، ޖުމްހޫރީ ޕާޓީގެ ދެ މެންބަރަކާއި، އެމްޑީޕީގެ ދެ މެންބަރަކާއި، އެމްޑީއޭގެ ހަތް މެންބަރަކާއި، އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ 29 މެންބަރުން ވޯޓުލާފައިވާ ކަމަށް އީސީގެ ވަކީލު ރިފްއަތު އަބަދުﷲ ވިދާޅުވިއެވެ. އެހެންކަމުން ދަފްތަރުގައި ހިމެނޭ މެންބަރުންތަކެއް ކޮންގްރެސްގެ މަންދޫބުންގެ ގޮތުގައި ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ރިފްއަތު ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ރިފްއަތު ވިދާޅުވީ ޕާޓީގެ އިންތިހާބުތައް ކުރިއަށް ގެންދިއުމުގެ ގަވައިދުގައިވާ ގޮތުން ވޯޓުލުން ކުރިއަށް ގެންދަންޖެހޭނީ ބޫތެއް ބަހައްޓައިގެން ވޯޓުލާ ގޮތަށް ކަމަށެވެ. ނަމަވެސް ކޮންގްރެސްގައި ޔައުމިއްޔާގައިވާ ގޮތުން ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ މަންދޫބެއްގެ ކައިރިއަށް ވޯޓު ފޮށި ގެންގޮސްގެންކަން އެނގޭ ކަމަށާއި އެއީ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމަށެވެ. އެކަން އިލެކްޝަން ކޮމިޝަންގެ އޮބްޒާވަރުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
އަދި އީސީގެ ވަކީލުން ވިދާޅުވީ، އެ ކޮންގްރެސްގެ ނިންމުންތައް އެ ކޮމިޝަނުން އެންޑޯޒް ނުކުރަން ނިންމާފައިވަނީ އެ ކޮންގްރެސްއާ ގުޅުންހުރި އެތައް ކަމެއް ފުރިހަމަކޮށްފައި ނުވާތީއާއި، ބައެއް ނިންމުންތައް އެ ޕާޓީގެ އަސާސީ ގަވާއިދާ ފުށުއަރާތީ ކަމަށެވެ. އެގޮތުން ޕާޓީއަށް ހަތަރު ނައިބު ރައީސުން އިންތިޚާބު ކުރިއިރު، ޕީޕީއެމް އިން ކޮންގްރެސްގެ ކުރިން އިއުލާނު ކުރީ ފިރިހެން ދެ ނައިބު ރައީސުންނާ އަންހެން ނައިބު ރައީސާއަކު އިންތިޚާބު ކުރަން ކަމަށް އީސީގެ ވަކީލު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވުމަށް ޕީޕީއެމްއަށް ފުރުޞަތު އެރުވުމުން ޕީޕީއެމްގެ ވަކީލުން ވަނީ އެ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ކުރިން އެ ވާހަކަތަކުގައިވާ ކަންކަން ދިރާސާ ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެ، އެކަމަށް ވަގުތު ދެއްވުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން ޕީޕީއެމްއިން ޖަވާބުދާރީވުމަށް ހައިކޯޓުން ވަނީ ތިން ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ.
މިދިޔަ ބުދަ ދުވަހު ޕީޕީއެމްއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެ ޕާޓީން އެދިފައިވަނީ ޕާޓީގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އެ ޖަލްސާގައި ފާސްކުރި، ޕާޓީގެ އަސާސީ ގަވާއިދާއި މަގާމުތަކަށް އިންތިޚާބު ކުރި ފަރާތްތައް ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އަމުރުކޮށް ދިނުމަށެވެ.