ކްރިމިނަލް ކޯޓް

ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދޫކޮށްލައިފި

އަހުމަދު ޖައިޝަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދާދި ދެންމެއަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ދައުލަތުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު ސުޕްރީމް ކޯޓުން ވަނީ ހަސަން ސައީދު ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ.

އޭނާގެ ވަކީލުން ވިދާޅުވިގޮތުގައި ހަސަން ސައީދު މިނިވަން ކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ ފުލުހަށް ހާޒިރުވާން އެންގުމުން ހާޒިރުނުވި މައްސަލާގައި އޭނަގެ މައްޗަށް އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލުހުކުމް ކުރުމުގެ ކުރިން އެމައްސަލާގައި އޭނަ ބަންދުގައި ހޭދަކުރެއްވި މުއްދަތަށް ބެލުމަށްފަހުގައި ކަމަށެވެ.

ހަސަން ސައީދުގެ މައްޗާށް ވަނީ ރިޝްވަތު ހިފިކަމުގެ ހެކި ދައުލަތުން ހުށަހަޅާފައެވެ. ނަމަވެސް މިދިޔަ މަހުގެ 10ގައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ބާތިލުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމްގެ މައްޗަށް މައްޗަށްވެސް ވަނީ ރިޝްވަތު ނެގި ކަމުގެ ދައުވާ އުފުލާފައެވެ. ނަމަވެސް އެ ބޭފުޅުންގެ ދައުވާވެސް މިހާރު ވަނީ ބާތިލުކޮށްފައެވެ.