ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ކުރިމަގު އުޖާލާ ޕާޓީއެއްގެ ގޮތުގައި ފެންނަނީ ޖުމްހޫރީ ޕާޓީކަމަށް ޕީޕީއެމްގެ ކުރީގެ މެމްބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިއަދު ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ. އަދި މިރޭގެ ވަގުތެއްގައި އޭނާ ޖޭޕީއަށް ސޮއިކުރައްވަން ވަނީ ނިންމަވާފައެވެ.
"ޕީޕީއެމްގެ މުސްތަގުބަލް ބަނަކޮށް ފެންނާތީ އެޕާޓީން ވަކިވާން ނިންމީ،" ވަންއަށް މައުލޫމާތުދެއްވަމުން ފަލާހު މިއަދު ވިދާޅުވިއެވެ.
ފަލާހު މިއަދު ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި އިރު، އޭނާ އެޕާޓީގެ ލީޑަރޝިޕަށް ފާޑުވިދާޅުވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން އެޕާޓީ ނާކާމިޔާބުވުމުން ފަލާހު މީގެ ކުރިން ވަނީ ޕީޕީއެމް އުވާލަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.
ފަލާހު ވިދާޅުވީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއާ އެކީގައި ކުރިއަށްދާން ނިންމީ ރައްޔިތުންނަށް އެންމެ ރަނގަޅު ވާނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުން ކަމަށް ވާތީ ކަމަށެވެ. ފަލާހުގެ އިތުރުން ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަހްމަދު ނިހާން ހުސެން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ .އަބްދުﷲ ހަލީލު އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ވެސް ވަނީ ޖޭޕީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފައެވެ.
ފަލާހު ވިދާޅުވީ އެބޭފުޅުންނަށް ކޯލިޝަން ސަރުކާރެއްގައި ރައްޔިތުންނަށްޓަކައި އެދެވޭ މަސައްކަތްތަކެއް ކުރެއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރުވެސް ގެންދަވަނީ ކޯލިޝަން ސަރުކާރެއްގައި ރަނގަޅަށް މަސައްކަތް ކުރައްވަމުން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.