ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމަށްވާ އަހުމަދު ނިހާން ހުސެއިން މަނިކާއި އިބްރާހީމް ފަލާހާއި އަބްދުﷲ ހަލީލާއި އަހުމަދު އަސްއަދު އަދި އަލީ އާރިފު މިރޭ ޖުމުހޫރީ ޕާޓީއަށް ސޮއިކުރައްވަން ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހީމް ފަލާހު ވަނީ ދާދި ދެންމެ "ވަން އޮންލައިން" އަށް މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ޖޭޕީއަށް ސޮއިކުރައްވަން ނިންމަވާފައިވާ ކުރީގެ މެމްބަރުންނަކީ މީގެ ކުރިން ސަރުކާރާ އިދިކޮޅު ޕާޓީތަކުގައި ތިއްބެވި މެމްބަރުންނެވެ. އެގޮތުން ނިހާން އެންމެ ފަހުން ހުންނެވީ ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައެވެ. މިއަދު ނިހާން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އަލީ އާރިފާއި ހަލީލާއި އައްސަދާއި ފަލާހު ތިއްބެވީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައެވެ. ފަލާހު މިއަދު ވަނީ ޕީޕީއެމްގެ މެމްބަރުކަމުން ވަކިވެވަަޑައިގެންފައެވެ. ހަލީލް މީގެ ކުރިން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރު، އެމަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ފަސް މެމްބަރުން ޖޭޕީއާ ގުޅިވަޑައިގަތުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މިރޭ 9:00ގައެވެ. ޖޭޕީއާ އަލަށް ގުޅިވަޑައިގަންނަވާ ފަސް މެމްބަރުންނަކީ ސަރުކާރާ އިދިކޮޅު ފިކުރުގެ މެމްބަރުންނަށް ވާއިރު، ޖޭޕީއަކީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްކަން ފާހަގަކޮށްލެވެއެވެ.