ކެލާ ދާއިރާގެ ކުރީގެ މެންބަރު، އަލީ އާރިފު އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހު ޕީޕީއެމް އިން އިސްތިއުފާދެއްވައިފި އެވެ.
އަލީ އާރިފު އާއި އިބްރާހީމް ފަލާހު ޕީޕީއެމުން އިސްތިއުފާދެއްވިކަން، މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު، އަހުމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓުވީޓެއްގައި ވަނީ ހާމަކުރައްވައިފަ އެވެ.
ނިހާން ވަނީ، އޭނާ ވެސް މިއަދު ޕީއެންސީގެ ނައިބު ރައީސް ކަމުގެ މަގާމުންނާއި މެންބަރުކަމުން ވަކިވެވަޑައިގެންނެވިކަން އިއުލާނުކުރައްވައިފަ އެވެ.
އަލީ އާރިފާއި ފަަލާހު ޕީޕީއެމުން ވަކިވެވަޑައިގެންނެވި އިރު، ޑީއާރްޕީއަށް ވަރަށް އަވަހަށް ސިޔާސީ ގިނަ ބޭފުޅުންތަކެއް ގުޅިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފަ އެވެ. ޕީޕީއެމްގެ ކުރީގެ މަޖިލިސް މެންބަރު، އަބްދުﷲ ރިފާއު (ބޮޗޭ) މިހާރު މަސައްކަތް ކުރައްވަނީ ޑީއާރްޕީގަ އެވެ.
މީގެ އިތުރުން، މިރޭގެ ވަގުތެއްގައި، އަލީ އާރިފާއި ފަލާހު ޖުމުހޫރީ ޕާޓީއަށް ސޮއިކުރައްވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރައިފަ އެވެ. އެ ބޭފުޅުންގެ ބަހެން ލިބޭ ގޮތް އަދި ވެފައި ނުވާތީ މިވާހަކަތައް ކަށަވަރުކުރެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ.
ޖުމުހޫރީ ޕާޓީއާ އަލަށް ބައެއް ބޭފުޅުން ގުޅިވަޑައިގަންނަވާތީ ބާއްވާ ރަސްމިއްޔާތެއް މިރޭ އޮންނާނެ ކަމަށާއި އެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.