އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަނބިންނާއި، ފިރިީންނާއި 18 އަހަރު ނުވާ ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭގޮތަށް ހިމަނައި، އަދި މަޖިލީހުގެ ޖަލްސާތަކަށް އެކަށީގެންވާ ގޮތަށް ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންގެ މުސާރައިން ކެނޑޭގޮތަށް ހިމަނައި ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދު އެކުލަވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފިއެވެ.
މި ގަވާއިދު އިސްލާހުކޮށް ގަވާއިދު ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަަމުން އެ ކޮމިޓީގެ މުރައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އާ ގަވާއިދެއްގެ ގޮތުުގައި ކޮމިޓީން މަޖިލީހުގެ ގަވާއިދު ނިންމާފައިވަނީ، ނަޒާހަތްތެރި މަޖިލީހެއް އުފެއްދުމަށް މަގުފަހިވާގޮތަށް ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާ ކަންކަން ވީހާވެސް އަވަށް ނިންމޭނެ ގޮތަށް، ވިހާވެސް ފުޅާ ދާއިރާއެއްގައި މަޖިލީހުގައި މެންބަރުންނަށް މަސައްކަތްކުރުުގެ ފުރުސަތު އާ ގަވާއިދުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ގަވާއިދު އެކުލަވާލާފައިވަނީ ސިޔާސީ ޕާޓީތަކުގެ ހިޔާލާއި އާއްމުންގެ ހިޔާލުތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ.
އާ ގަވާއިދުގައި، ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާތަކުގެ ތެރެއިން މަހެއްގެ މައްޗަށް ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވާ މެންބަރުންގެ މުސާރަ އިން 50 ޕަސަންޓު އުނިކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. އަދި ޖަލްސާއަށް ހާޒިރުވުމުގައި އެކަށީގެންވާ އުޒުރެއްގެ ގޮތުގައި ބަލާނީ ބަލިވެގެން ބުނާ ސަލާމާއި ޗުއްޓީ ކަމަށް ގަވައިދުގައި ވަނީ ހިމަނާފަ އެވެ.
ގަވާއިދުގައި މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އަނބި، ނުވަތަ ފިރިމީހާ އާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހެޅުމަށްފަހު އެ ބަޔާންތައް ޝާއިއު ކުރަންޖެހޭގޮތަށްވެސް ވަނީ ހިމަނައިފައެވެ.
ގަވާއިދުގައި ހިމަނާފައިވާ ގޮތުން، މިނިވަން މުއައްސަސާތަކާއި ބޯޑުތަކަށް މެންބަރުން އައްޔަން ކުރާއިރު، ކަމާބެހޭ ކޮމިޓީން އިންޓަވިއު ކުރި ނަމަވެސް މިހާރު ދެމުން އަންނަ މާކްސް ނުދޭ ގޮތަށް ގަވާއިދުުގައި ވަނީ ހިމަނައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އަހަމުންދާއިރު، އިސްލާހުތަކަށް ވޯޓަށް އަހައި ނިމުމުން މުޅި ގަވާއިދު އިސްލާހު ކުރުމަށް ވޯޓަށް އަހާނެ އެވެ.