އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުންގެ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް، އެ މެންބަރެއްގެ ދާއިރާގައި "މެންބަރުގެ ސާޖަރީ" ގެ ނަމުގައި އޮފީހެއް ގާއިިމް ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން، މަޖިލީހުގެ އާ ގަވާއިދު އެކުލަވާލައި މަޖިލީހަށް ހުށަހެޅުމުން، އިތުރު 52 އިސްލާހެއް ޖަލްސާގެ ތަޅުމުގައި މެންބަރުން ވަނީ ހުށަހަޅުއްވައިފައެވެ.
އޭގެ ތެރެއިން އެމްޑީޕީގެ ޕާލަމެންޓްރީ މެންބަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ، އިންތިހާބު ވެފައިވާ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއެއްގައި "މެންބަރުންގެ ސާޖަރީ"ގެ ނަމުގައި އޮފީހެއް ގާއިމު ކުރެވިދާނެ ކަމަށެވެ.
އަދި އެ އޮފީސް ގާއިމު ކުރެއްވުމަށްފަހު، އޮފީސް ރަޖިސްޓްރީކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށާއި، މެންބަރު ހުށަހެޅުއްވުމުން އެ އޮފީސް މަޖިލީހުގެ އިދާރާއިން ރަޖިސްޓްރީ ކޮށްދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި އެ އޮފީހުގައި މަޖިލީހުގެ ނިޝާނާއި ދިދަ ބޭނުންކުރަން ޖެހޭނެ ކަމަށާއި އެ އޮފީސް ހިންގާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބެއްލެވުމާއި އަމުރުގެ ދަށުން ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
އިސްލާހުގައި ބުނެފައިވަނީ އެ އޮފީހުގައި ގާނޫނު އަސާސީއާއި ގާނޫނާ ހިލާފު އެއްވެސްކަމެއް ހިންގައިގެން ނުވާނެ ކަމަށެވެ.