ރ. ރަސްމާދޫގައި ކަރަންޓް ކެނޑެމުންދާތީ އެމައްސަލަ ހައްލުކުރުމަށް ގޮވާލައި މުޒާހަރާކޮށްފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ރަސްމާދޫ ކައުންސިލުގެ ނައިބު ރައީސް މުރުތަލޯ ރަޝީދު ވިދާޅުވީ ކަރަންޓް ކެނޑެމުންދާ މައްސަލައިގައި ރަށުގެ ޒުވާނުންގެ ތެރެއިން ބަޔަކު ނުކުމެ އިންޖީނުގެ ކުރިމަތީ މިއަދު މުޒާހަރާކުރިކަން އެނގިވަޑައިގެންނެވި ކަމަށެވެ.
އަދި ރަށުގައި ކަރަންޓް ދެމުންދަނީ އެންމެ އިންޖީނަކުންކަން ފާހަގަކުރައްވައި މުރުތަލޯ ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލުކުރަން ފެނަކައިން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ.
ރަސްމާދޫ އިންޖީނުގޭގެ މެނޭޖަރު މުހައްމަދު ޝާހިދަށް ގުޅުމުން ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭގެ ފަހުންވެސް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.
އެނގިފައިވާ ގޮތުގައި ރަސްމާދޫގައި ދޭތެރެއިން ކަރަންޓް ކެނޑެމުންދާތީ ބައެއް ގޭގޭގައި ހުރި އަގުބޮޑު ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ.