ޓްރެފިކް ޕޮލިސް

ސްޓިކާ ޖެހި ވެހިކަލްގެ އަދަދު އިތުރުވެއްޖެ

އާނިފާ ހުސެއިން ސިރާޖް

މިދިޔަ ހަފުތާގައި ސްޓިކާ ޖެހި ވެހިކަލްގެ އަދަދު އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު ވަރަށް ބޮޑުތަން އިތުރުވެއްޖެއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓުން މިއަދު ނެރުނު 17 އޮގަސްޓާއި 23 އޮގަސްޓާ ދެމެދުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން މިދިޔަ ހަފުތާގައި ޖުމްލަ 769 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވެއެވެ.

މިއީ 10 އޮގަސްޓާއި 16 އޮގަސްޓާ ދެމެދު ސްޓިކާ ޖަހާފައިވާ ވެހިކަލްތަކާ އަޅައިބަލާއިރު 725 ވެހިކަލްގެ އިތުރު އަދަދެކެވެ. 10 އޮގަސްޓުން 16 އޮގަސްޓާ ދެމެދު ސްޓިކާ ޖަހާފައިވަނީ އެންމެ 44 ވެހިކަލްގައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި މަގުމަތީގެ 43 އެކަސިޑެންްޓް ހިނގައި 13 މީހަކަށް އަނިޔާވެފައިވާ ކަމުގައި ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ވަނީ އެކްސިޑެންޓް ތަކާ ގުޅިގެން 13 މީހެއްގެ ލައިސެންސް ވެސް ހިިފަހައްޓާފައެވެ.

ލައިސަންސް ނުލައި ވެހިކަލް ދުއްވުމުގެ 107 މައްސަލައަކާއި ލައިސަންސް ނެތި ދުއްވުމުގެ 140 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ. މީގެ އިތުރުން ޓްރެފިކް ނިޝާން ތަކާއި ހިލާފަށް ދުއްވުމުގެ 17 މައްސަލައެއްވެސް ފުލުހުން ވަނީ ބަލައިފައެވެ.

ފޯނުގައި އިނދެގެން ވެހިކަލު ދުއްވުމުގެ 38 މައްސަލައަކާއި ދުންފަތުގެ އިސްތިއުމާލުކުރަމުން ދުއްވުމުގެ ހަތް މައްސަލައެއްްގެ އިތުރުން ހެލްމެޓް ނާޅައި ދުއްވުމުގެ 22 މައްސަލައަކާއި ލޭން ސްވިޗް ކުރުމުގެ ނުވަތަ އޯވާ ޓޭކް ކުރުމުގެ 29 މައްސަލައެއް ފާހަގަވެފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ގަވާއިދާ ހިލާފަށް ޕާކުކުރުމާ ގުޅިގެން ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ ހަފުތާގައި 47 ވެހިކަލެއް ގެންގޮސްފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި، ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ބާރަށް ދުއްވުމުގެ 52 މައްސަލައެއްވެސް ވަނީ ރެކޯޑުކުރެވިފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޖުމުލަ 557 ވެހިކަލެއް ބަލައި ޗެކުކޮށް އިންޝުރެންސް އަދި ރޯޑް ވޯތިނެސް ހަމަނުވާ 115 ވެހިކަލެއް ރިކޯޑުކުރެވިފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.