ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 14 އަހަރުން ދަށުގެ ދިރާގު ޔޫތު ލީގު ފަށައިފިއެވެ.
އެފްއޭއެމްގެ "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ އެ މުބާރާތް ފެށީ އިއްޔެ ހަވީރު އެފްއޭއެމް ދެ ނަމްބަރު ޓާފް ދަނޑުގައެވެ. އިއްޔެ އެ މުބާރާތުގެ ހަތަރު މެޗެއް ކުޅުނެވެ.
އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް އެކެޑަމީއާ ވާދަކޮށް، ހުޅުމާލޭ ސްކޫލް ސްޕޯޓްސް މޮޅުވީ 7-0ގެ ނަތީޖާއަކުންނެވެ. އެ މުބާރާތުގެ ދެވަނަ މެޗުގައި ހުޅުމާލޭ ސްޕޯޓްސް އެކެޑެމީ އަތުން މާޒިޔާ އެފްއޭ ވަނީ މޮޅުވެފައެވެ. އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 6-0ގެ ނަތީޖާއަކުންނެވެ.
އިއްޔެ ކުޅުނު ތިންވަނަ މެޗުގައި މޯލްޑިވްސް ސޮކާ މޭޓްސް އިން ވަނީ 2-1ގެ ނަތީޖާއަކުން އަރލީ ޓަޗް ފުޓްބޯލް އެކެޑެމީ (އީޓީއެފްއޭ) ބަލިކޮށްފައެވެ. އަދި އިއްޔެ ކުޅުނު ފަހު މެޗުގައި އީގަލްސް އެފްއޭ އިން ވަނީ 1-0ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކްލަބު އެފްއޭ ބަލިކޮށްފައެވެ.
އެ މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެގޮތުން މާދަމާ ރޭ 7:00ގައި ކުޅޭ މެޗުގައި ވިކްޓަރީއާ ދެކޮޅަށް އެމްއެސް ހެލްޕިންގ ހޭންޑް ސްޕޯޓްސް އެކެޑަމީ ނުކުންނަ އިރު، މާދަމާ ރޭ 8:30ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުޅުމާލޭ ސްޕޯޓްސް އެކެޑަމީ އާއި އީޓީއެފްއޭ އެވެ.
ލީގު އުސޫލުން ކުރިއަށްދާ އެ މުބާރާތް އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެ މުބާރާތުގައި ނުވަ އެކަޑަމީއަކުން ވާދަކުރެއެވެ.