މިއަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފިއެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން މިރޭ ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި ލިޔުމުގައި ހިމެނޭ ދެ ހުށަހެޅުމަކަށް ވަނީ ވޯޓަށް އަހައިފައެވެ.
އެއީ ހިލޭ އެހީގެ ގޮތުގައި 716.8 މިލިއަން ރުފިޔާ އިތުރު ކުރުމަށާއި ޖުމްލަ ހަރަދުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ އިތުރުކޮށްދިނުމަށެވެ. އެގޮތަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެން ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް މި ފޮނުއްވީ މި އަހަރު ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދު، ކުރީން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރުވާނެތީއެވެ.
ސަރުކާރުން ބުނީ، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ އެ ބަޖެޓް ހުސްވެގެން ނޫން ކަމަށާއި މިހާތަނަށް އެ ބަޖެޓުން ހަރަދު ކޮށްފައިވަނީ 14.7 ބިލިއަން ރުފިޔާ ކަމަށެވެ.
ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީއަށް ވުރެ ބޮޑު އަދަދެއް ކޯޓުތަކުން ކުރާ ހުކުމް ތަކާއި އެނޫން ގޮތްގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުގެ ބަޖެޓުން ދައްކަން ޖެހިފައިވާ މައްސަލައިގައި ބަޖެޓުން ފުރުސަތު ހޯދުމަށް ކަމަށް ވެސް މި ބަޖެޓް މަޖިލީހަށް ފޮނުވަމުން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި މިފަދަ ބަޖެޓެއް ހުށަހެޅުމުގެ މަގުސަދަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ތަކުގެ ތެރެއިން މެނިފެސްޓޯގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓްތައް ފެށުން ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.
ދައުލަތުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅީ މިއަދުއެވެ. ބަޖެޓް ހުށަހެޅުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ކޮމިޓީން މިއަދު ބަޖެޓްގެ މަސައްކަތް ނިންމަވައި މާދަމަ އޮންނަ މަޖިލީހަށް ކޮމިޓީގެ ރިޕޯޓް ހުށަހެޅުއްވުމަށެވެ.
އަދި މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތަޅުމުގައި ބަޖެޓަށް ބަހުސް ކުރުމަށްފަހު މާދަމާ ރޭ ބަޖެޓް ފާސްކުރުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވައިފައެވެ.