ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންނަށް ތައާރަފުކުރައްވައި އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އަލަށް އަންނަ ސަރުކާރުގެ ޒިންމާއެއް ކަމަށް ކަމަށް ގަބޫލުފުޅު ކުރައްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން އިއުލާން ކޮށްފައިވާ ހައުސިން ސްކީމްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓު، ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ގެޒެޓްކޮށްފައެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ ހައްގު ލިބިފައިވާ ފަރާތްތަކުންގެ ހައްގު ހޯދައިދިނުމުގެ ބަދަލުގައި އެ ސްކީމް ކެންސަލް ކޮށްލައިފި ނަމަ އެއީ ރައްޔިތުންނަށް ވެވޭ އަނިޔާވެރި ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ކަމެއް ކޮށްފިނަމަ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމަކަށް ވާނެ ކަމަށާއި އާ ސަރުކާރުން ވެސް މަސައްކަތް ކުރަން ޖެހޭނީ ޒިންމާދާރުކޮށް ކަމަށެވެ.
"އެހެންކަމުން ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ހައްގަށް އާ ސަރުކާރުން އަމާނާތްތެރިކަމާ އެކު ހިއްތަވާނެ ކަމަށް އުއްމީދު ކުރަން. އަދި ޔަގީންވެސް ކުރަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިޔައީ ވަރަށް އިހްލާސްތެރިކޮށް އަދި ދެފުށް ފެންނަގޮތަށް، ހުރިހާ ކަމެއް އާންމުކޮށްގެން ކަމަށެވެ.