އިބްރާހިމް ޒަކީ
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުވާފައިވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ނޫން ކަމަށާއި، ފޮނުވާފައިވަނީ ބަޖެޓަށް އިތުރު ފައިސާ ބޭނުންވެގެން ފޮނުވާފައިވާ ލިޔުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ބަހުސް ނުކޮށް އެ މައްސަލަ ކޮމިެޓީއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މައްސަލައިގައި، އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުމާ ގުޅިގެން ކޮމިޓީއަށް ގާނޫނީ ލަފާ ދެއްވަމުން ފިލްޒާ ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ ބަޖެޓެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ބަޖެޓަށް ބޭނުންވާ ފައިސާއާބެހޭ ލިޔުމެއް ކަމަށާއި، އެއީ ލިޔުމަކަށްވާތީ، އެއަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ނުކޮށް ކޮމިޓީއަށް ފޮނުވުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފުވާ ކަމެއް ކަމަށް ނުދެންނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފިލްޒާ ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް އިޝާރާތް ކޮށްފައިވަނީވެސް އެއީ ލިޔުމެއްގެ ގޮތުގައި ކަމަށެވެ.
ފިލްޒާ ވިދާޅުވީ، މަޖިލީހަށް ބަޖެޓު ހުށަަހެޅުމާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގައި އޮންނަނީ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށހަޅާއިރު އަމަލުކުރަން ޖެހޭ ގޮތުގެ ވާހަކަ ކަމަށެވެ.
ބަޖެޓަށް ފައިސާ ބޭނުންވެގެން ސަރުކާރުން މިހާތަނަށް މަޖިލީހަށް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށާއި، އެހެންކަމުން މީގެ ކުރިން މަޖިލީހުން އެކަމާމެދު އެއްވެސް ގޮތަކަށް އަމަލު ކޮށްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވެސް މާލިއްޔަތުގެ ގާނޫނުގައިވެސް އެކަމާބެހޭ ގޮތުން އެއްވެސް ކަމެއް ހިމެނިފައިނުވާ ކަމަށް އޭނާ ވިދާލުވިއެވެ.
ފިލްޒާ ވިދާޅުވީ އެ ލިޔުން މަޖިލީހުގައި ބަހުސް ނުކޮށް ދިރާސާ ކުރުމަށް ކޮމިޓީއަށް ގެނައީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންވާ އިހުތިޔާރުގެ ދަށުން ކަމަށެވެ. އެކަމުގައި މަޖިލީސް ރައީސް ބެއްލެވީ މަޖިލިސް ރިސެސްއަށް ދިޔުމުގެ ކުރިން ވީހާވެސް އަވަަހަކަށް މަޖިލީހުން އެކަން ދާނެ ގޮތަށް ބައްލަވައިގެން ކަމަށްވެސް އޭނާ ވިދާޅވިއެވެ.