މަސްތުވާތަކެތީގެ މައްސަލަތައް

ހިންނަވަރުގައި ބަނގުރާ ކައްކަން ތިބި ބަޔަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ޅ. ހިންނަވަރުގައި ބަނގުރާ ކައްކަން ތިބި ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ބަނގުރާ ކައްކަން ތިބި ފަސް މީހުން ހިންނަވަރުގެ ފަޅު ގެއަކުން ފުލުހުން ހައްޔަރުކޮށްފައިވަނީ މިމަހު 23 ވަނަ ދުވަހު ފުލުހުންނަށް ހިންނަވަރު ގެއެއްގައި ބަނގުރާ ކައްކާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދެ ފިރިހެނުންނާއި، 27 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 32 އަހަރުގެ ފިރިހެނެކެވެ.

ހިންނަވަރުގައި ހުރި ފަޅު ގެއެއްގެ ތެރެއިން ފުލުހުންނަށް މިމީހުން ފެނިފައިވަނީ އެގޭގެ ބަދިގެގޭގައި ބަނގުރާ ކެއްކުމަށް ތައްޔާރުވެފައިވަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިތަކެތީގެ އިތުރުން ތައްޔާރުކޮށްފައިވާ ދެ ލީޓަރުގެ ބަނގުރާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއްދީފައެވެ.

މި މައްސަލަ ހިންނަވަރުގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.