ރައްޔިތުންގެ މަޖިލިސް

ސަރަހައްދީ އިންޓެލިޖެންސް ސެންޓަރުގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރަން މަޖިލީހުގެ ރުހުން ދީފި

މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެކުލަވާލާ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެކަމަށް މަޖިލީހުން ރުހުންދީފައިވަނީ، ޖަލްސާގައި ތިއްބެވި، 73 މެންބަރުންގެ ތެރެއިން 70 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ އެއްބަސްވުމަކީ އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން އިސް ނަގައިގެން ގާއިމް ކުރަން ހުށަހަޅާފައިވާ މި އެއްބަސް ވުމުގެ މަގްސަދަކީ ދެކުނު އޭޝިއާގައި ހިންގާ ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމަށް ހާއްސަ ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރެއް ގާއިމް ކުރުމެވެ.

މި އެއްބަސްވުމުގައި ސޮއިކުރާނީ ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާގެ ސަރުކާރުންނެވެ.

މި ސެންޓަރު ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގައެވެ.

މި މައްސަލަ ދިރާސާކުރި ރިޕޯޓްގައި ހޯމް މިނިސްޓްރީން ބުނެފައިވަނީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ފުޅާވަމުން އަންނަ ނުރައްކާތެރި ކުށުގެ ވެށި ކޮންޓްރޯލްކޮށް، ކުށްތަކަށް އަރައިގަންނަ މީހުން ގާނޫނުގެ ކުރި މައްޗަށް ގެނެސް، އިންސާފު ގާއިމުކޮށް، ދިވެހިންނަށް ލިބޭ ގެއްލުން ކުޑަ ކުރެވިގެންދާނެ ކަމަށެވެ.