ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި ބަހުސް ނުކޮށް ބަޖެޓު، ކޮމިޓީއަށް ފޮނުވުމުން ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެ

އިބްރާހިމް ޒަކީ

މަޖިލީހުގެ ތަޅުމުގައި ބަހުސް ނުކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީއަށް ފޮނުއްވި މައްސަލައިިގައި ކޮމިޓީގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، ބަޖެޓް އަލުން މަޖިލިސް ތަޅުމަށް ފޮނުވަން ވޯޓަށް އަހައިފިއެވެ.

ބަޖެޓް ދިރާސާ ކުރުމަށް ފޮނުވި، މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެކުވެގެން ބޭއްވި ފުރަތަމަ ބައްދަލުވުުގައި، އެ ބަޖެޓަށް މަޖިލިސް ތަޅުމުގައި ބަހުސް ނުކޮށް ކޮމިޓީއަށް ފޮވާފައިވާތީ، ބަޖެޓް އަލުން މަޖިލިސް ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ، އެމްޑީޕީގެ މެންބަރު އައްޑޫ މަރަދޫ ދާިއރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ. ތާއީދު ކުރެއްވީ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.

މި ހުށަހެޅުން ފާހެއް ނުވިއެވެ. ނަމަވެސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ހާޒިރުކޮށް، ބަޖެޓާ ބެހޭގޮތުން މެންބަރުންނަށް މައުލުމާތު ދޭން ޖެހޭގޮތަށް، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ހުށަހަޅުއްވައި ހަނިމާދޫ ދާރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ ތާއީދު ކުރެއްވި ހުށަހެޅުން ކޮމިޓީން ފާސްކުރިއެވެ.

ބަޖެޓަށް ތަޅުމުގައި މަޝްވަރާނުކޮށް ކޮމިޓީއަށް ފޮނުވި މައްސަލައިގައި މެންބަރުންގެ ހިޔާލު ތަފާތުވުން ބޮޑުވެގެން ލަފާ ހޯދުމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ފިލްޒާ ވިދާޅުވީ، މަޖިލީހަށް ބަޖެޓު ހުށަަހެޅުމާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގައި އޮންނަނީ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށހަޅާއިރު އަމަލުކުރަން ޖެހޭ ގޮތުގެ ވާހަކަ ކަމަށެވެ.

ނަމަވެސް މިހާރު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވަނީ، މާލިއްޔަތުގެ ގާނޫނުގެ 38ވަނަ މާއްދާގެ (ބ)ގެ ދަށުން ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއާ ގުޅޭ ލިޔުމެއް ކަމަށެވެ. އެކަމަށް މަޖިލީހުގެ ގަވާއިދުގައި ގޮތެއް ކަނޑަައަޅާފައިނުވާ ކަމަށާއި މީގެ ކުރިިން އެފަދަ ލިޔުމެއް މަޖިލިހަށް އައިސްފައި ނުވާތީ، މިހާތަނަށް މަޖިލީހުން އެފަދަ ކަމަކަށް ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށްވެސް ކައުންސެލް ޖެނެރަލް ވިދާޅުވިއެވެ.

"މަޖިލީހުގެ ގަވާއިދަކު ނޯވޭ ސަޕްލިމެންޓްރީ ބަޖެޓެއް އަޔަސް ނޫނީ މިދަންނަވާ ލިއުން އަޔަސް ގަވާއިދުގެ ދަށުން އަމަލު ކުރާނޭ ވަކި އުސޫލެއް ބަޔާންކޮށްފައެއް، ދެން މިހާތަނަށް ވެސް މަޖިލީހަށް އިތުރަށް އައިސްގޮސް މަޖިލީހުގައި އަމަލުކޮށްފަ އޮންނަ ގޮތަކީ، ސަޕްލިމެންޓްރީ ބަޖެޓްތައް އެ ބަޖެޓާ ބެހޭގޮތުން އމަލު ކޮށްފަ އޮންނަނީ، ބަޖެޓާ ގުޅޭގޮތުން އަމަލު ކުރާގޮތަށް. ނަމަވެސް މަޖިލީހުގެ ގަވާއިދަކުވެސް އަދި މަޖިލީހުން މީގެ ކުރިންވެސް އަމަލުކޮށްފައެއް ވެސް ނެތް މިކަމަށްގޮތެއް،" ފިލްޒާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓް ލިޔުމެއްގެ ގޮތުގައި މަޖިލީހަށް ގެނައީ، މަޖިލީހުގެ ރިސެސް ކުރިއަށް އޮތުމުން ކަމަށާއި، އެކަން ކޮށްފައިވަނީ މަޖިލީހުގެ ރައީސަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން ކަމަށެވެ. އަދި މަޖިލިސް ތަޅުމުގައި ބަހުސް ނުކޮށް ކޮމިޓީއަށް ފޮނުވައިގެން ދިރާސާ ކުރުމަށްފަހު، ކަމާބެހޭ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ގެނެސްގެން ބަހުސް ކުރުމަށް މެންބަރުންނަށް ފުރުސަތު ދެއްވައި، މިނިސްޓަރާ ސުވާލު ކުރެއްވުމަށް މެންބަރުންނަށް ފުރުސަތު ދެއްވާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގައި ބައެއް މެންބަރުން ވިދާޅުވީ ހުރިހާ ޕަބްލިކް ފޯރަމް ތަކެއްގަ އާއި، ފޮނުވާފައިވާ ބަޖެޓްގެ އެތެރޭގެ ލިޔުންތަކުގައި އެއީ ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެއީ ސަޕްލިމެންޓްރީ ބަޖެޓް ނޫން އެހެން އެއްްޗެއްގެ ގޮތަށް ނުބެލެވޭނެ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ގޮތަށް ނުބަލައި އެއީ ބަޖެޓަށް ފާއިސާ ބޭނުންވެގެން ހުށަހަޅާފައިވާ ލިޔުމެއް ގޮތަށް ބަލައިގެން މަޖިލީހުން މަސައްކަތް ކޮށްފިނަމަ އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ކުރި ކަމެއްގެ ގޮތުގައި ހިމެނިގެން ދާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވިއެވެ.