އިބްރާހިމް ޒަކީ
ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ފަހި ފުރުސަތުތަކެއް ލިބިދިނުމަށްޓަކައި، ޑަބްލިއު ޓީ އޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓް ރާއްޖެއިން ތަސްދީގު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި މައްސަލައިގައި އެ އެގްރީމެންޓު ރާއްޖެއިން ތަސްދީގު ކުރަން މަޖިލީހުން ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މިކަމަށް ރުހުން ދިނުމަށް ފާސްކުރީ، މަޖިލީހުގެ ޖަލްސާގައި ތިއްބެވި، 73 މެންބަރުންގެ ތެރެއިން 70 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ވޯލްޑް ޓްރޭޑް އޮގަނބައިޒޭޝަން، ގެ މެންބަރަކަށް ރާއްޖެ ވެފައިވާއިރު، ޑަބްލިއު ޓީ އޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓް ރާއްޖެއިން ތަސްދީގު ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ސަރުކާރުން ހުށަހެޅީ، ފިޔަފާރީގެ ދާއިރާއިން ރާއްޖެއަށް އިތުރު ފުރުސަތުތައް ހޯދުމަށާއި، މުދަލުގެ މުއާމަލާތްތައް ފަސޭހަ ކުރުމަށެވެ.
އެގޮތުން އެ އެގްރީމެންޓު ރާއްޖެއިން ތަސްދީގު ކުރަން ފެށުމުން އެއްގައުމުން އަނެއްގައުމަށް މުދާ އެތެރެ ކުރުމުގައި ފަސޭހަތައްލިބި ރާއްޖޭގެ ވިޔަފާރި އިތުރަށް ކުރިއަރައިގެންދާނެ ކަަމަށް މި މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓްގައި ބުނެފައިވެއެވެ.
މި ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މި މައްސަލަ ކޮމިޓީން ދިރާސާ ކުރިއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ އެއްވެސް ރައްޔިތެއްގެ އެއްވެސް ހައްގަކަށް އޮނިކަމެއް އަތުވެދާނެތޯ ބެއްލެވި ކަމަށެވެ.
އަދި ކޮމިޓީން ބެލި ބެލުމުން އެއްވެސް ރައްޔިތެއްގެ ހައްގަށް އުނި އުނިކަމެެއްނާންނާނެކަން ކަށަވަރު ވެފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.