އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް 17 ކަމެއް ކޮށްފައިވާކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓު މަޖިލީހަށް ބަަލައިގެންފިއެވެ.
މި ރިޕޯޓް ދިރާސާކޮށް ރިޕޯޓެއް އެކުލަވައިލަން މަޖިލީހުގެ ރައީސް ފޮނުއްވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.
1. ރައްޔިތުންގެ މަޖިލީހަށާއި ޖޭއެސްސީއަށް ލިބިދީފައިވާ ބާރުތަކެއް ސުޕްރީމްކޯޓުން ހަނިކޮށް އެ ދެ މުއައްސަސާގެ މަސައްކަތަށް ހުރަސްއެޅުން.
2. ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) އުވާލައި އަދުލު އިންސާފު ގާއިމް ކުރުމުގެ އިދާރީކަންކަން ހިންގައި ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން.
3. ކޯޓުތަކުގެ ގާނޫނުގެ އަށްވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާގެ ނިޔަލަށް އުވާލުން.
4. ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން.
5. 45 ގާނޫނީ ވަކީލުން ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރުން.
6. އިސްތިއުނާފު ކުރުމުގެ މުއްދަތު ކުޑަކޮށް އެމުއްދަތާބެހޭގޮތުން ކޯޓުތަކުގެ ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުން.
7. ދަށު ކޯޓުތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުުން ގަވާއިދެއް ހަދައި ގާނޫނުގެ ދަށުން ޖޭއެއްސީއަށް ލިބިފައިވާ ބާރު ނެގުން.
8. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އޭރުުގެ ދިއްގަރު ދާއިރާގެ މެންބަރުގެ މައްޗަށް ދައުވާކޮށް، ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކުރުމުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ މުއްދަތު ހަމަވިތާ ހަތްމަސް ފަހުން ދައުލަތުންކުރި އިލްތިމާސް ސުޕްރީމްކޯޓުން ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު ހަމަ އެ ނިންމުން އޭގެ ތިން އަހަރުފަހުން އަލުން ބަލައި ބަދަލުކުރުން.
9. ޖޭއެސްސީގެ ގާނުނާ ހިލާފަށް ފަނޑިޔާރަކު މަސްއޫލިއްޔަތުން އެކަހެރިކުރުން.
10. އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސާއި ނާއިބު ރައީސްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ނިންމައި މަގާމުން ވަކިކުރުން.
11. ސުޕްރީމް ކޯޓުގެ އިސްނެގުމަށް ސުމޯޓޯކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ގާނޫނީ ބާރު ކަނޑުވާލައި އެކޮމިޝަނުން އަމަލުކުރަން ޖެހޭ ގައިޑްލައިނެއް ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ކަނޑައެޅުން.
12. ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކަމަށް ކަނޑައަޅާފައިވުން.
13. ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅުން.
14. މަޖިލިސް މެންބަރުން ނިސްބަތްވާ ޕާޓިން ވަކިވުމުން، ނުވަތަ އެހެން ޕާޓީއަކަށް ސޮއިކުރުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައެޅުން.
15. ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހުރިއްޔާގެ ނާއިބާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މަޖިލީހުގެ ރައީސާއި ނާއިބުއީސް އަދި ފަނޑިޔާރުންގެ އިތުބާރު ނެތްކަމާމެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ސައްހަވާނީ އެނިންމުން ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން ކަމަށް ކަނޑައެޅުން.
16. އެކެއް ފެބުރުއަރީ 2018 ވަނަ ދުވަހު ސުޕްރީމްކޯޓުން ކުރި އަމުރުގެ ބައިތައް ހަމަ އެކޯޓުން ފަހުން ބާތިލު ކުރުން.
17. ސުޕްރީމް ކޯޓުގެ ސާކިއުލާ ތަކާއި، އާއްމު ސިޓީތައް މެދުވެރިކޮށް، އެެހެން ކޯޓުތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން އަމަލު ކުރަންޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމް ގާނޫނުހެދުން.