މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ ކޮމަންވެލްތުގެ އެސެސްމަންޓު ވަފުދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ ވަފުދުގެ ބޭފުޅުންވެސް ވަނީ ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވި ކަމަށް މަޖިލިސް މީޑިއާއިން ބުނެ އެވެ.
އިއްޔެ މެންދުރު ރާއްޖެއަށް ޒިޔާރަތްކުރެއްވި ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ އެސެސްމަންޓް ޓީމުގެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއަ ޑިރެކްޓަރު ކެޓަލައިނާ ސަޕްލޯ އެވެ.
އެސެސްމަންޓް ޓީމުން މިއަދުގެ ވަގުތެއްގައި ދައުލަތުގެ ވަޒީރުންނާ ވެސް ބައްދަލުކުރައްވާނެއެވެ.
މި ޓީމުން ރާއްޖޭގެ ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މިނިވަން މުއައްސަސާތަކުގެ މެންބަރުން، އަދި ޝަރުއީ ދާއިރާގެ ބައެއް ފަރާތްތަކާއި ބައްދަލު ކުރައްވަން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިދިޔަ ޖޫންމަހު ކޮމަންވެލްތު މެންބަރު ގައުމަކަށް ރާއްޖެ އަލުން ވުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަތްޕުޅަށް އަރުވައިފައެވެ.
ކޮމަންވެލްތާ އަލުން ރާއްޖެ ގުޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.