އިބްރާހިމް ޒަކީ
އިސްލާމިކް ވަހުދަތު ބަލަހައްޓާ ކޮމިޓީގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އިތުރު ކޮމިޓީއެއް އުފެއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އެދިވަޑައިގެންފިއެވެ.
ސުޕްރީމް ކޯޓުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް 17 ކަމެއް ކޮށްފައިވާކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު 17 ކޮމިޓީ އެބަ އޮތް ކަމަށާއި އެ ކޮމިޓީތަކުގެ ތެރޭގައި ހުރިހާ ކަމަކަށް ބޭނުންވާ ކޮމިޓީ އެބަހުރި ކަމަށެވެ.
ނަމަވެސް މަޖިލީހުގެ 18 ވަނަ ކޮމިޓީގެ ގޮތުގައި 17 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދަން ޖެހޭ ކަމަށާއި އެއީ ރާއްޖޭގެ އިސްލާމިކް ވަހުދަތު ބަލަހައްޓާ ކޮމިޓީއަށް ހެދުމަށް ޖާބިރު ވަނީ މަޖިލީހުގެ ރިޔާސަތުގައި އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވާ މައްސަލައިގައި، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވަނީ، އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ރައުޔުއަށް ކަމަށް، އެ މަޖިލިހުގެ ނިންމާފައިވާތީ ޖާބިރު ވިދާޅުވީ އެއީ ދިވެހި އަންހެނުންނަކީ އެއްވެސް ބައެއް ނޫން ކަމަށް އެ މަޖިލީހުން ބުނުން ކަމަށެވެ. ނަމަވެސް ދިވެހި އަންހެނުންނަކީ ވަރުގަދަ ބައެއް ކަމަށާއި، ދުނިޔޭގައިވެސް އަންހެނުން ވަރުގަދަ މަގާމުތައް އަދާކުރާކަން ޖާބިރު ފާހަގަ ކުރެއްވިއެވެ.
ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އިސްލާމިކް ވަހުދަތު ބަލަހައްޓާ ކޮމިޓީއެއް އުފަްއދަވައި އެ ކޮމިޓީގެ ޗެއާއަކަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ހަމަޖެއްސެވުމުން ރަނގަޅުވާނެ ކަމަށެވެ.