މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ

ރިޕޯޓުތައް ހުށަހަޅައިގެން މަޖިލީހުގެ ވަގުތު ދުއްވާލުމަކީ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް: ދާންދޫ ދާއިރާގެ މެންބަރު

އިބްރާހިމް ޒަކީ

ބޭކާރު ރިޕޯޓްތައް ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުގެ ވަގުތު ދުއްވާލުމަކީ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުން ކޮށްފައިވާ 17 ކަމެއް ފާހަގަކޮށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްގެންދާ ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ، ރައްޔިތުންގެ ޝަކުވާއަކީ، ފަނޑިޔާރުގެ އިސްލާހު ކުރަނީ ކޮން އިރަކުންތޯ ކަމަށްބުނެ ކުރާ ޝަކުވާ ކަމަށެވެ.

މެންބަރު ޔައުގޫބު ވިދާޅުވީ، ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކަ ތަކުރާރުކޮށް މަޖިލީހުގައި ދައްކާއިރު އަދިވެސް އެކަން ކުރިއަށް ގެންދާނެ ޕްލޭނާ ބެހޭގޮތުން ފެށުނީއްސުރެ ސުވާލު ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެ ޕްލޭން އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ފަނޑިޔާރުގެ އިސްލާހު ކުރުުގެ ޕްލޭނަކީ ކޮބައިތޯ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ މެންބަރު ޔައުގޫބު ވަނީ ސުވާލު ކުރައްވައިފައެވެ.

"އަޅުގަނޑު އިއްޒަތްތެރި ރައީސަށްވެސް ދަންނަަވާލަން އޮތް ސުވާލަކީ، ކޮން އިރަކު، ކޮން ދުވަހަކުތޯ، ކޮބައިތޯ، އަޅުގަނޑުމެންގެ ޕްލޭނަކީ، ފަނޑިޔާރުގެ އިސްލާހު ކުރުުގެ ޕްލޭނަކީ ކޮބައިތޯ، އަޅުގަނޑަކީ ފެށުނީއްސުރެ މި ސުވާލު ކުރަމުން އަންނަ މީހެއް، އަދި އަދާ ހަމައަށްވެސް އަޅުގަނޑަކަށް ނޭނގެ ފަނޑިޔާރުުގެ އިސްލާހު ކުރުމަށް އަޅުގަނޑުމެންގެ ޕްލޭނަކީ ކޮބައިކަމެއް،" އެމްޑީޕީގެ މެންބަރު ޔައުގޫބު އަބުދުﷲ ވިދާޅުވިއެވެ.

މިއަދު ބަހުސް ކުރަމުން އަންނަ ރިޕޯޓަށް އިޝާރާތް ކުރައްވައި މެންބަރު ޔައުގޫބު ވިދާޅުވީ، މެންބަރުން މަޖިލީހަށް ވަޑައިގެންނެވީ ރައްޔިތުންގެ ކައިރިއަށްގޮސް ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ރިޕޯޓުތައް ހަދައިގެން ކަމަށާއި ދެން އޮތީ މަޖިލީހުން އެކަންކަން ތަންފީޒު ކުރުން ކަމަށެވެ. އަދި މިފަދަ ރިޕޯޓުތައް މަޖިލީހަށް ހުށަހަޅައިގެން ވާހަކަ ދައްކައި ވަގުތު ބޭކާރު ކުރަމުންދާއިރު، ރައްޔިތުން ތިބީ މަގުމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.