17 އޮގަސްޓާއި 23 އޮގަސްޓާއި ދެމެދު ޓްރެފިކް ގަވައިދާ ހިލާފުވުމުން ހުޅުމާލެއިން 161 މީހުން ފައިން ކުރިކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލެ ފުލުހުންގެ ހަފުތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފުތާ ތެރޭ 522 ވެހިކަލެއް ފުލުހުން ވަނީ ޗެކު ކޮށްފައެވެ. 161 މީހުން ޖޫރިމަނާ ކޮށްފައިވަނީ އެ 522 ވެހިކަލް ޗެކު ކުރުމުގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.
އެންމެ ގިނައިން ޓްރެފިކް ގަވައިދާ ހިލާފު ވެފައި ވަނީ، ލައިސެންސް ނެތި ދުއްވައިގެން ކަމަށާއި ލައިސަންސް ނެތި ދުއްވި 90 މީހުން މިދިޔަ ހަފުތާގައި ހުޅުމާލެއިން ހިފަހައްޓާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން އަހަރީ ފީ ދައްކާފައި ނެތުމުން 24 މީހުން، ރޯޑް ވާދިނަސް ފީ ދައްކާފައި ނެތުމުން 23 މީހުން އަދި އިންޝުއަރެންސް ހަމަވެފައި ވުމުން 21 މީހުން ހިފަހައްޓާފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. ހެޑްސެޓް ޖަހައިގެން ދުއްވި އަށް މީހެއްވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިދިޔަ ހަފުތާގައި ހުޅުމާލޭގައި ފަސް އެކްސިޑެންޓެއް ހިނގާފައިވެއެވެ. އަދި ވައްކަމާއި ފޭރުމުގެ 15 މައްސަލައަކާއި، މަސްތުވާތަކެތީގެ މައްސަލައަކާއި މާރާމާރީގެ މައްސަލައެއް މިދިޔަ ހަފުތާތެރޭ ހުޅުމާލެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން އާންމު ކުރި މި ތަފާސް ހިސާބުތަކުން ދައްކައެވެ.