ކުޑަކުދީންނަށް ކުރާ އަނިޔާ

ކުޑަކުދީންނަށް އަނިޔާކޮށްގެން ހުށަހެޅި މައްސަލަތައް 16 ޕަސެންޓު މަދުވެއްޖެ

އާނިފާ ހުސެއިން ސިރާޖް

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ގޮތުގައި މިދިޔަ މަހު ހުށަހަޅާފާއިވަނީ 105 މައްސަލަ ކަމަށާއި މިއީ ޖޫން މަހު ރިޕޯޓުކޮށްފައިވާ ކުޑަކުދީންނާ ބެހޭ މައްސަލަތަކުގެ ޖުމްލަ 16 އިންސައްތަ މަދު އަދަދެއް ކަމަށް މިނިސްޓްރީއޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. ޖިންސީ ހާނިއްކައިގެ ޖުމުލަ 34 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން އިހުމާލުވުމުގެ 25 މައްސަލައަކާއި، ޖިސްމާނީ ހާނިއްކައިގެ 19 މައްސަލައަކާއި، ނަފުސާނީ ހާނިއްކައިގެ 11 މައްްސަލައާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ އަށް މައްސަލަ އަދި ކުދިންގެ ވަގުވިޔަފާރި ކުރުމުގެ އެއް މައްސަލަ ހިމެނޭކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.

ކުޑަކުދިން ހައްގުތަކުން މަހުރޫމުކުރުމުގެ ހަތަރު މައއްސަލައެއް ހުށަހަޅާފައިވާއިރު މިފަދަ މައްސަލަތަކުގައި ހިމެނެނީ ތައުލީމަށް ހުރަސްއެޅުމުގެ ދެ މައްސަލަ، ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ އެއް މައްސަލަ އަދި އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ އެއް މައްސަލަ ކަމުގައި ޖެންޑާ މިނިސޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންގެ އަހުލާގާއި ގުޅުންހުރި 19 މައްސަލައެއް ހުށަހަޅާފައިވާއިރު މީގެ ތެރޭގައި ސުކޫލަށް ދާން ބޭނުން ނުވުމުގެ ނުވަ މައްސަލައަކާއި ގެއިން ނިކުމެގެން ދިއުމުގެ ތިން މައްސަލައެއްގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުދިންގެ ތިން މައްސަލައެއްވެސް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ އެހެނިހެން މައްސަލަތަކުގެ ތެރޭގައި އާއިލީ މައްސަލަތަކާ ބެހޭ 27 މައްސަލައެއް ހިމެނެއެވެ. އގެ ތެރޭގައި ހަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 14 މައްސަލައަކާއި ކުދިން ބެލުމުގައި ދިމާވާ 10 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވާ ތިން މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ 35 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީއިން މައުލޫމާތުދެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ 13 މައްސަލައެއް ހިމެނޭއިރު، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ހަތް މައްސަލަ، އިހުމާލުވުމުގެ ދެ މައްސަލަ އަދި ބާރާއި ނުފޫޒު ފޯރުވުމުގެ އެއް މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

ޖުމުލަ ނުވަ މައްސަލައެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާނުލުމާ ގުޅިގެން ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ ފަސް މައްސަލައްކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ ހަތަރު މައްސަލައެއް ކަމަށް ޖެންޑާ މިނިސްޓާރީން ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 12 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ މިނިސްޓްރީއަށް މިދިޔަ މަހުގެ ޖުމުލަ 214 މައްސަލަ ހުށަހަޅާފައިވާއިރު މިއީ ޖޫން މަހާ އަޅާބަލާއިރު 11 އިންސައްތަ މަދު އަދަދެކެވެ.