ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް 17 ކަމެއް ކޮށްފައިވާކަމަށް ބުނެ މަޖިލީހަށް ރިޕޯޓް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް 17 ކަމެއް ކޮށްފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އެކަމާބެހޭ ރިޕޯޓް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ސުޕްރީމް ކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ކޮމިޝަނާއި ރައްޔިތުންގެ މަޖިލިހާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިސާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް އެ ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން އެކަން ދިރާސާކޮށް ބެލުމަށް އެކުލަވާލި ކޮމިޓީން ތައްޔާރުކޮށް މަޖިލީހަށް ހުށަހެޅި މި ރިޕޯޓު މަޖިލީހުގައި ބަހުސް ކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރިޕޯޓްގައި ގާނޫނު އަސާސީ އާއި ގާނުނާ ހިލާފަށް ސުޕްރީމް ކޯޓުުން ކޮށްފައިވާކަންތައްތަކުގެ ގޮތުގައި ހިމަނާފައިވާ ކަންތައްތައް.

  • ރައްޔިތުންގެ މަޖިލީހަށާއި ޛޭއެސްސީއަށް ލިބިދީފައިވާ ބާރުތަކެއް ސުޕްރީމްކޯޓުން ހަނިކޮށް އެ ދެ މުއައްސަސާގެ މަސައްކަތަށް ހުރަސްއެޅުން.
  • ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) އުވާލައި އަދުލު އިންސާފު ގާއިމް ކުރުމުގެ އިދާރީކަންކަން ހިނގާ ބެލެހެއްޓުމާއި ސުޕްރީމްކޯޓުން އަމިއްލައަށް ހަވާލުވުން.
  • ކޯޓުތަކުގެ ގާނޫނުގެ އަށްވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާގެ ނިޔަލަށް އުވާލުން.
  • ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން.
  • 54 ގާނޫނީ ވަކީލުންނެއް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރުން.
  • އިސްތިއުނާފް ކުރުމުގެ މުއްދަތު ކުޑަކޮށް އެމުއްދަތާބެހޭގޮތުން ކޯޓުތަކުގެ ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުން.
  • ދަށު ކޯޓުތަކުގެ ގާޒީން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުުން ގަވާއިދެއް ހަދައި ގާނޫނުގެ ދަށުން ޖޭއެއްސީއަށް ލިބިފައިވާ ބާރު ނެގުން.
  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އޭރުުގެ ދިއްގަރު ދާއިރާގެ މެންބަރުގެ މައްޗަށް ދައުވާކޮށް، ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކުރުމުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިމާސް ކުރުމުގެ މުއްދަތު ހަމަވިތާ ހަތްމަސް ފަހުން ދައުލަތުންކުރި އިލްތިމާސް ސުޕްރީމްކޯޓުން ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު ހަމަ އެ ނިންމުން އޭގެ ތިން އަހަރުފަހުން އަލުން ބަލައި ބަދަލުކުރުން.
  • ޖޭއެސްސީގެ ގާނުނާ ހިލާފަށް ފަނޑިޔާރަކު މަސްއޫލިއްޔަތުން އެކަހެރިކުރުން.
  • އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސާއި ނާއިބުރައީސްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ނިންމައި މަގާމުން ވަކިކުރުން.
  • ސުޕްރީމް ކޯޓުގެ އިސްނެގުމަށް ސުމޯޓޯކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ގާނޫނީ ބާރު ކަނޑުވާލައި އެކޮމިޝަނުން އަމަލުކުރަންޖެހޭ ގައިޑްލައިނެއް ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ކަނޑައެޅުން.
  • ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކަމަށް ކަނޑައަޅާފައިވުން.
  • ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅުން.
  • މަޖިލިސް މެންބަރުން ނިސްބަތްވާ ޕާޓިން ވަކިވުމުން، ނުވަތަ އެހެން ޕާޓިއަކަށް ސޮއިކުރުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައެޅުން.
  • ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހުރިއްޔާގެ ނާއިބާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަންމުއައްސަސާތަކުގެ މެންބަރުންނާއި މަޖިލީހުގެ ރައީސާއި ނާއިބުއީސް އަދި ފަނޑިޔާރުންގެ އިތުބާރު ނެތްކަމާމެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ސައްހަވާނީ އެނިންމުން ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުންކަމްށް ކަނޑައެޅުން.
  • އެހެއް ފެބްރުއަރީ 2018 ވަނަދުވަހު ސުޕްރީމްކޯޓުން ކުރި އަމުރުގެ ބައިތައް ހަމަ އެކޯޓުން ފަހުން ބާތިލް ކުރުން.
  • ސުޕްރީމް ކޯޓުގެ ސާކިއުލާ ތަކާއި، އާއްމު ސިޓީތައް މެދުވެރިކޮށް، އެެހެން ކޯޓުތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން އަމަލްކުރަންޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމް ގާނޫނުހެދުން.


މަޖިލިސް ރައީސް ވިދާޅުވީ، ޖޭއެސްސީގެ ރިޕޯޓްގައި ވަނީ ތަފާތު 17 ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުގެ އިހުތިސާސުން ބޭރުވެ އެހެން ބާރުތަކުގެ ތެރެއަށް އަރައި ވަޑައިގެން ގާނޫނުއަސާސީ ގަޑު ބަޑު ކުރައްވައި ކިލަނބު ކަމާއި ނުތަނަވަސް ގެނުވާފައިވާ ކަމަށެވެ.