ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

ދަށު ކޯޓުތަކުން ޖޭއެސްސީއަށް އަލީ ޝަރީފް އިންތިހާބު ކޮށްފި

މަރިޔަމް ޝަހުދާ

ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު އައްޔަންކުރުމަށް ބާއްވާ އިންތިހާބު ކާމިޔާބުކޮށް ޖޭއެސްސީގައި ދަށު ކޯޓުތައް ތަމްސީލު ކުރާ ފަނޑިޔާރަކަށް ލ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް އިންތިހާބުވެ ވަޑައިގެންފި އެވެ.

ތިން ބޭފުޅުން ވާދަކުރެއްވި މި އިންތިހާބު އަލީ ޝަރީފް ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުންނަމަ އަލީ ޝަރީފް އިންތިހާބު ކާމިޔާބުކޮށްފައިވަނީ 127 ވޯޓާއެކުއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ ފަނޑިޔާރު އަހުމަދު ހައިލަމް އަށެވެ. ހައިލަމް އަށް ލިބިފައިވަނީ 37 ވޯޓެވެ. އަދި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފަނޑިޔާރު އަބްދުއްރައްޒާގު މުހައްމަދަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 178 ފަނޑިޔާރަކަށް ލިބިފައި ވީނަމަވެސް އިންތިހާބުގައި ވޯޓު ލާފައިވަނީ 167 ފަނޑިޔާރުންނެވެ. މި އިންތިހާބުގެ ސައްހަ ވޯޓުގެ އަދަދަކީ 165 ވޯޓެވެ. އަދި ބާތިލް ދެ ވޯޓު ވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން އާންމު ކުރި ވަގުތީ ނަތީޖާ އިން ދައްކައެވެ.

މި އިންތިހާބަކީ މިހާރު ޖޭއެސްސީގައި ދަށު ކޯޓުތައް ތަމްސީލު ކުރާ ޖުވަނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މިމަހުގެ 27 ގެ ނިޔަލަށް ހަމަވާތީ ބޭއްވި އިންތިހާބެކެވެ.