ރާއްޖޭގެ ކޯޓުތަކަށް އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ތާއީދު ކުރައްވައިފިއެވެ.
އާޒިމާ ޝަކޫރު އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުގައި 2007 ގައި އެންމެ ފުރަތަމަ އަންހެން ގާޒީއަކު އައްޔަން ކުރެއްވި އިރު ވެސް އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވުމަށް އޭނާ ތާއީދު ކުރެއްވިކަމަށެވެ.
އާޒިމާ ވަނީ ސިވިލް ކޯޓުގެ ގާޒީ ކަމަށް އާއިޝަތު ޝުޖޫން އައްޔަން ކުރެއްވި ދުވަސްވަރު ޖަސްޓިސް މިނިސްޓަރު ކަމުގައި ހުންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށާއި އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވީ ޑރ. ހަސަން ސައީދު ކަމަށާއި އަދި ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވީ އައިޝަތު މުހައްމަދު ދީދީ ކަން ފާހަގަކުރައްވާފައެވެ.
އަދި އެކަމަކީ ވަރަށް ގިނަ މީހުންގެ މަސައްކަތުން ދިރާސާތަކެއް ކޮށްގެން ނިންމުނު ނިންމުމެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.
އެގޮތުން އޭގެތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިލްމުވެރިން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި އެމަސައްކަތުގައި އުޅުއްވުމުގެ ނަސީބު ލިބުމުން އިލްމުވެރިންގެ ތަފާތު ރައުޔުތަކާއެކު، ރައުޔުތައް އެނގުނު ކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވި ގޮތުގައި އޭރު އެކަން ކުރެވިގެން ދިޔައީ އިސްލާމީ ކަންކަމާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރުހުމާއެކުގައެވެ.
އަންހެން ބޭފުޅަކު ފުރަތަމަ ފަހަރަށް އިސްތިއުނާފުގެ ކޯޓަކަށް އައްޔަން ކުރެއްވީ، 2011 ގަ ކަމަށާއި އޭގެ ފަހުން އަންހެން ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމަށް ދިޔައީ އައްޔަން ކުރައްވަމުންކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އެކަމަށް ހުއްޓުމެއް ނާންނަ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
އޭގެ އިތުރުން އާޒިމާ ވިދާޅުވީ އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް 2007 ގައި ދިވެހި ދައުލަތުން ނިންމި ކަމަށާއި ރައީސް މައުމޫންގެ ޒައާމަތުގައި ދިވެހި ދައުލަތުން ނިންމި އެ މުހިންމު ނިންމެވުމާ އެއްގޮތަށް ރައީސް ނަޝީދު އާއި ރައީސް ވަހީދާއި އަދި ރައީސް ޔާމީންވެސް އަމަލުކުރައްވަމުން ގެންދެވި ކަމަށެވެ. އަދި ރައީސް ސޯލިހުވެސް އަމަލުކުރެއްވީ އެގޮތަށް ކަމަށާއި މިއަދުވެސް ދިވެހި ދައުލަތުގެ އެނިންމުން ބަދަލު ނުކުރާކަމަށް އާޒިމާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކަށް ބަދަލުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް މިހާރު ވަނީ ހަތަކަށް ބަދަލުކުރުމަށްޓަކައި އަންހެން ދެ ފަނޑިޔާރެއްގެ ނަން ޖޭއެސްސީއަށް ފޮނުއްވާފައެވެ. ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ރައީސް ސޯލިހު ފޮނުއްވި ދެ ނަމަކީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒުމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝަތު ޝުޖޫންގެ ނަމެވެ.
އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރެއްވުމާ ގުޅޭ ގޮތުން ދީނީ ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ ދީނީ ގޮތުން ބަލާއިރު، މުސްލިމު ގައުމެއްގެ ފަނޑިޔާރުކަން އަންހެނަކަށް ނުކުރެވޭނެ ކަމަށާއި އެއީ އިސްލާމީ ޝަރީއަތުގައި ހުއްދަ ނޫން، ހަރާމް ކަމެއް ކަމަށެވެ.