ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރުމުގައި ބަލަން ޖެހޭނީ ގާބިލުކަމަށް ކަމަށާއި ޖިންސަށް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގަތީ ހުސްވި ހަފްތާގައެވެ.
ރައީސްގެ އެދިވަޑައިގަތުމާއެކު އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވުމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވަނިކޮށް ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ހިދުމަތުގައި ބަލަން ޖެހޭނެ ކަމަކީ ގާބިލުކަމާއި، ނަޒާހަތްރިކަމަށެވެ. ވަކި ޖިންސަކަށް ނޫން ކަމަށް ޖަމީލު ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ގޮތުގައި މިހާރު ވެސް އަންހެން ކަނބަލުން އެބަތިއްބެވި. 11 ޖުލައި 2007 ގައި، ރައީސް މައުމޫންގެ ޒައާމަތުގައި އަޅުގަނޑުމެން ވާނީ އެ ނިންމުން ނިންމާފައި. އެ ބަހުސް ވަނީ ނިމިފައި. ގައުމީ ހިދުމަތުގައި ބަލަންވީ ގާބިލްކަމާއި ނަޒާހާތްތެރިކަމަށް، ވަކި ޖިންސަކަށް ނޫން'' ޑރ. ޖަމީލުގެ ޓުވީޓުގައި ވެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ގާޒީއަކު އައްޔަން ކުރައްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫންއެވެ. އޭރު ޖަސްޓިސް މިނިސްޓަރު ކަމުގައި ހުންނެވީ ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
އޭގެ ފަހުން ދަށު މަރުހަލާގެ ދެ ކޯޓަކަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރި ފަހުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އަޒުމިރަލްދާ ޒާހިރު ވަނީ އައްޔަން ކުރައްވައިފައެވެ.
ޑރ. ޖަމީލުގެ ޓުވީޓަށް ރައްދު ދެއްވައި ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެ ނުބައި ބިންގާ ރާއްޖޭގައި އަޅައިދެއްވީ ޑރ. ޖަމީލުކަމަށެވެ. އަދި ނުބައިކޮށް ކަމެއްކުރެވިފައި ވުން އެއީ ތާއަބަދު އެގޮތުގައި ދެމި ތިބެންޖެހޭ ސަބަބެއް ނޫން ކަމަށް އިޔާޒު ވިދާޅުވިއެވެ.
ޑރ. އިޔާޒުގެ ވާހަކައަށް ތާއީދު ކުރައްވައި، އައްޝައިޚު އަލީ ޒައީދު ވިދާޅުވީ އިޔާޒުގެ ވާހަކައަކީ ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ.