"އޯލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން" އޭޑީއާރް، (ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރާ ނިޒާމު) އަކީ ރާއްޖެއަށް ވަރަށް މުހިންމު ނިޒާމެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެހީގައި މޯލްޑިވްސް އިންޓަރނޭޝަނަލް އާރބިޓްރޭޝަން ސެންޓަރާއި ސްރީލަންކާގެ ސިލޯން ޗެމްބަރ އޮފް ކޮމާސް ގުޅިގެން ހޮޓެލް ޖެންގައި މިއަދު ފެށި ފަނޑިޔާރުންގެ ސަރަހައްދީ މަހާސިންތާ ރަސްމީކޮށް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކޯޓުން ބޭރުން ހައްލުކުރި މައްސަލަތައް ކާމިޔާބުވެފައިވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެގޮތުން މަދަނީ މައްސަލަތައް ހައްލުކުރުމުގެ ނިސްބަތަށް ބަލާއިރު 2015ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ދެމެދު ސިވިލް ކޯޓުން އެކަނިވެސް ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާއަށް ހުށައެޅި މައްސަލަތަކުގެ ނިސްބަތް 63 އިންސައްތައަށް އަރާކަމަށާއި، އޭގެ ތެރެއިން ފަންސާސް އިންސައްތަ މައްސަލަ ކާމިޔާބުވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ކޯޓުން ބޭރުން މައްސަލަތައް ހައްލުކުރުމުގެ ފައިދާގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓުތަކުގައި މައްސަލަތައް ނުނިމިހުންނަ ހުރުން އަވަސްވެ، އެކަމަށް ހަރަދުވާ ފައިސާއާއި، އެ މައްސަލަތަކާއި ގުޅިގެން އާންމު ފަރާތްތަކުން ކުރަން ޖެހޭ ހަރަދު ކުޑަވެގެންދާ ކަމަށެވެ. އަދި ދެފަރާތުން ބޭނުންވާ ހައްލުތައް ހޯދޭކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރާއްޖޭގެ އިގުތިސާދު ކުރިއަރައި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އަންނަ މިންވަރު އިތުރުވެފައިވާއިރު، ވިޔަފާރިއާ ގުޅުން ހުރި މަދަނީ ބޮޑެތި މައްސަލަތައް ކޯޓަށް ހުށަހެޅޭ މިންވަރު ވެސް އިތުރުވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
އެހެންކަމުން އޭޑީއާރުގެ ނިޒާމުގެ މުހިއްމު ކަމަށާއި އާބިޓްރޭޝަން ގާނޫނުގެ ދަށުން އާބިޓްރޭޝަން ސެންޓަރުން ވިޔަފާރީގެ ދާއިރާއަށް އިސްކަން ދީގެން ރާއްޖޭގެ ގާނޫނީ ނިޒާމަށް ކުރިއެރުންތަކެއް ގެނެވޭނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.