ޝަރުއީ ދާއިރާ

ފަތުވާ މަޖިލިސް ބަދަލުކުރަން ޝަހިންދާ ގޮވާލައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީސް ބަދަލުކުރަން، ޖަލުތަކުގެ ހާލަތު ބަލާ ކޮމިޝަންގެ މެންބަރު ޝަހިންދާ އިސްމާއީލް ގޮވާލައިފިއެވެ.

ޝަހިންދާ މިފަދައިން ގޮވާލައްވާފައި މިވަނީ ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމާއި ގުޅިގެން، ބައެއް އިލްމުވެރިން އެކަމަށް ފާޑުވިދާޅުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޝަހިންދާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ދަންނަ ބޭކަލުންގެ ފެންވަރު ގިންތި ކުރަން ޖެހޭ ކަމަށާއި އެހެން އިސްލާމީ ގައުމުތަކާއި އެންހަމައަށް ފަތުވާ މަޖިލިސް ވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައިޝާ ސުޖޫންއާއި ޑރ. އަޒްމިރަލްދާ ޒާހިރު، އައްޔަން ކުރެއްވުމުގެ ލަފައަކަށް ރައީސުލްޖުމްހުރިއްޔާ އެދިވަޑައިގަތުމާއި ގުޅިގެން، ދީނީ އިލްމުވެރިންނާއި އަދި ބައެއް އާންމުން އެކަމަށް ފާޑުކިޔަމުންދާތީ، ޝަހިންދާ ވަނީ ސުވާލުތަކެއް ކުރިމަތި ކުރުވައިފައެވެ.

އެގޮތުން ޝަހިންދާ ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ ދިވެހި ރާއްޖޭގައި މީގެކުރިން ދުވަހަކުވެސް އަންހެނަކު ފަނޑިޔާރުކަން ނުކުރަނީތޯއާއި މީގެކުރިން އޮތީ އިސްލާމީ ދައުލަތެއް ނޫންތޯ ސުވާލު އުފައްދަވައިފައެވެ.

''ވަނީކީ އެހެނެއްނޫން. އިންސާފުދެކެ ބިރުގަންނަނީ. ޝުޖޫންއާއި އަޒުމިރަލްދާ އިންސާފު ގާއިމްކުރާނެތީ ބިރުގަންނަނީ.'' ޝަހިންދާގެ ޓުވީޓުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ގާނޫނަށް އިސްލާހު ގެނައުމާއި އެކު އެމަގާމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރައްވަން ރައީސް ސޯލިހު ނިންމަވައި އެބޭފުޅުންގެ ނަންތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވާފައި ވަނިކޮށް، މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ފަތުވާ މަޖިލީހުން ނިންމި ނިންމުމެއް ވަނީ އާންމުވެފައެވެ.

ފަސް މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ އެނިންމުމުގެ ފުރަތަމަ ރައުޔުގައި ވަނީ ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމުގައިވާ މާލިކީ މަޒުހަބާއި ޝާފިއީ މަޒުހަބާއި ހަންބަލީ މަޒުހަބާއި ހަނަފީ މަޒުހަބުގެ ގިނަ އިލްމުވެރީންނާއި ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީއާއިންގެ އަލްއިމާމިއްޔާއިންނާއި ޝީޢާއީންގެ ޒައިދީންނާއި ޚަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާޝީންގެ ރައުޔެވެ. އެ ރައުޔުގެ ހުލާސާއަކީ، އެއްވެސް ކަހަލަ ގަޒިއްޔާއެއްގައި އެއީ މުދަލާއި ގުޅޭ ކަމަކަށް ވިޔަސް، ނުވަތަ ޤިޞާޞާއި ހައްދުތަކާއި ގުޅުންހުރި ކަމެއް ކަމުގައި ވިޔަސް، އަދި އެނޫން މައްސަލައެއްކަމުގައި ވިޔަސް، އެ މައްސަލަތައް ބަލައި ހުކުމް ކުރުމަށް އަންހެނަކާ ހަވާލުކުރުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމެވެ. މި ކަމުގައި، ހަވާލުކުރި މީހާއާއި ހަވާލުކުރެވުނު މީހާ ފާފަވެރި ވާނެ އެވެ. އަދި އެ ހުކުމަކީ، ހައްގަށް ވާސިލު ވިޔަސް، ތަންފީޒު ނުކުރެވޭނެ ހުކުމެއް ކަމަށެވެ.

މި ރައުޔުގެ އިލްމުވެރީންގެ ދަލީލަކީ، އައްނިސާއު ސޫރަތުގެ 34 ވަނަ އާޔަތާއި އަލް ބަޤަރާ ސޫރަތުގެ 228 ވަނަ އާޔަތާއި އަލްއިމާމް އަލް ބުޚާރީގެ 4425 ވަނަ ހަދީޘާއި އަލް އިމާމް މުސްލިމްގެ 4719 ވަނަ ހަދީޘާއި 4720 ވަނަ ހަދީޘް ކަމަށް ފަތުވާ މަޖިލީހުގެ ފަތުވާގައި ބުނެފައިވެ އެވެ.

އަދި މީގެ އިތުރުން ސަލާމާއި ޞަލާމް ލެއްވި ރަސޫލާ އާއި އެކަލޭގެފާނުގެ މާތް ހަތަރު ޚަލީފާއިންނާއި ބަނޫ އުމައްޔާގެ ޚަލީފާއިންވެސް އެއްވެސް އަންހެނަކު ފަނޑިޔާރުކަމަށް އިސްކުރައްވާފައި ނުވުން ވެސް މީގެ ދަލީލު ތަކުގެ ތެރޭގައި ހިމެނޭ ކަމަށް ފަތުވާގައި ބުނެފައިވެ އެވެ.

ފަތުވާ މަޖިލީހުގައި ތިއްބަވަނީ އައްޝައިހު މުހައްމަދު ރަޝީދު އިބްރާހީމް އާއި ޝެއިޚް އިބްރާހީމް އަހުމަދު އާއި ޝެއިޚް އިސްހާގު މުހައްމަދު އާއި ޝެއިޚް މޫސާ އަންވަރު ހަސަން އަދި ޝެއިޚް ހަސަން ތައުފީގު އަބްދުއްރަހުމާނެވެ. އެ މަޖިލީހުގެ ރައީސް އަކީ ޝެއިޚް މުހައްމަދު ރަޝީދު އިބްރާހީމެވެ.

އަންހެން ފަނޑިޔާރުންގެ މައްސަލައިގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ އިރު، ރާއްޖޭގެ ކޯޓުތަކުގައި މިހާރުވެސް އަންހެން ފަޑިޔާރުން އެބަތިއްބެވި އެވެ. އަދި ރައީސް ސޯލިހު، ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް މިހާރު ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން ފޮނުއްވާފައިވާ ދެ ބޭފުޅުން ކަމަށްވާ، އައިޝާ ޝުޖޫން އާއި ޑރ. އަޒްމިރަލްޑާ ޒާހިރު އަކީ ވެސް ކުރީން ފަނޑިޔާރުކަން ކުރައްވާފައިވާ ދެބޭފުޅުންނެވެ.

އެ ގޮތުން ޝުޖޫން މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގަ އެވެ. ޑރ. އަޒްމިރަލްޑާ ހުންނެވީ ހައިކޯޓުގަ އެވެ. އެ ދެބޭފުޅުން މަގާމުން އިސްތިއުފާދެއްވީ ރައީސް ޔާމީނުގެ ވެރިިކަމުގަ އެވެ.

ސުޕީރިއާ ކޯޓުތަކުގައި މިހާރުވެސް ތިން ގާޒީއަކު މަސައްކަތްކުރައްވަމުން ގެންދަވަ އެވެ. އެއީ އާއިލާއާ ބެހޭ ކޯޓުގައި އާމިނަތު ހުޒައިފާ، ސިވިލް ކޯޓުގައި މަރިޔަމް ވަހީދު އާއި ހާފިޒާ އަބްދުލް ސައްތާރު އެވެ. އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މެޖިސްޓްރޭޓުންގެ ގޮތުގައި ވެސް އަންހެނުން މިހާރު ވެސް މަސައްކަތް ކުރަމުން ގެންދެ އެވެ.