ރިޔާސީ އިންތިހާބު

އާދޭހާއެކު މި ދަންނަވަނީ، އިބޫއަށް ވޯޓު ދެއްވާ: ގާސިމް

ހެޔޮކަމެއް ކޮށްދެވިފަ ހުރި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ނޫނީ އާއިލާއެއް، ނުވަތަ ރަށެއްވެސް ވާނަމަ އެހުރިހާ ބޭފުޅުން ވެސް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އަށް ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާދޭހާއެކު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައިގެން މެމްބަރުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންގެންދަވާ ގާސިމް މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވީ ބޭސްފަރުވާ ކުރުމަށެވެ. ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ހުންނެވުމަށް ފަހު، ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އެ ގައުމަށް ވަޑައިގެންފައިވަނީ މިދިޔަ އަހަރު ނޮވެންބަރުގައެވެ.

ޔޫޓިއުބު މެދުވެރިކޮށް މިއަދު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިން މެސެޖުގައި ގާސިމް ވިދާޅުވީ ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތިކަމާއި އަނިޔާއާ ކޮރަޕްޝަނާއި ފަސާދައިގެ އިތުރުން އެތައް ބަޔަކަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތް ކޮށްދިނުމަށް އިބޫއަށް ވޯޓު ދިނުމަށް އެދޭކަމަށެވެ.

"އަޅުގަނޑަށް ހެޔޮކަމެއް ކޮށްދެވިފަހުރި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ވާނަމަ އަދި އާއިލާއެއްވެސް ވާނަމަ، ރަށެއްވެސް ވާނަމަ އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު އާދޭހާއެކު މިދަންނަވަނީ، އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓްދެއްވުމަށް. އަޅުގަނޑު ރައްބީގެ ސަލާމުން ސަލާމްޖަހާފަ މިދަންނަވަނީ، އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓްދެއްވާށޭ. އެއީ އަޅުގަނޑުމެންނަށް ހަމައެކަނި ސަލާމަތްވެވެންއޮތް ގޮތަކީ. އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރެވެން އޮތް ގޮތަކީ،" ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ އަދުލްއިންސާފުގެ ދާއިރާއަށާއި ސަލާމަތީ ބާރުތަކަށްވެސް ގާސިމް ވަނީ ހާއްސަ މެސެޖެއް ދެއްވާފައެވެ.

"މިވަގުތު ފުލުހުންނާއި ސިފައިންނަށްވެސް އަދި ޖުޑިޝަރީއަށްވެސް އަޅުގަނޑު ދަންނަވާލަންއޮތީ، މިކަމުގައި އިންސާފުވެރިކަމާއެކީ މިކަން ނިންމަ ދެއްވައްޗޭ. ރައްޔިތުން ނިންމާ ގޮތާ ހިލާފަށް އެއްވެސް ކަމެއް ގެންދެވޭނެ ކަމަށް އަޅުގަނޑުމެން އެކަކުވެސް ގަބޫލުކޮށްގެން ނުވާނެ. އެއީ ގާނޫނުއަސާސީގައިވާ ހަމަތަކަކީވެސް، އިސްލާމްދީނުގަވާ އުސޫލުތަކަކީވެސް" ގާސިމްގެ ބަޔާކުގައި ވިދާޅުވިއެވެ.

ވޯޓު ތެރޭގައި އޮޅުވާލުންތަކެއް އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ގާސިމް ތުހުމަތު ކުރައްވާފައިވާ އިރު، އޭނާ ވިދާޅުވީ ނަސްރު ލިބޭނީ ހައްގުގެ މަގުގައި ތިބި ބަޔަކަށް ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.