އަލީ ރިފްޝާން
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ލޯ މެޑެލް ހޯދުމަށް ލިބުނު ފުރުސަތު ރާއްޖެއަށް ގެއްލިއްޖެއެވެ.
ނޭޕާލްގައި ކުރިއަށްދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ރާއްޖެ ވަނީ ތުރުކުމެނިސްތާން އަތުން ބަލިވެފައެވެ. އެ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.
ތިންވަނަ ހޮވާ މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދައްކައި، ލީޑު ނެގިއެވެ. ނަމަވެސް ތުރުކުމެނިސްތާނުން ވަނީ ކުޅުން ވަރުގަދަކޮށް، ފަހަތުން އަރައި ރާއްޖޭގެ މައްޗަށް ލީޑު ހޯދައިފައެވެ. މެޗުގެ ފުރަތަމަ ސެޓު ތުރުކުމެނިސްތާނުން ގެންދިޔައީ 25-19 އިންނެވެ.
އެ މެޗުގެ ފުރަތަމަ ސެޓާ ހިލާފަށް ދެވަނަ ސެޓުގެ ކުރީކޮޅުގައި ތުރުކުމެނިސްތާނުން ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. ތުރުކުމެނިސްތާނުން ނެގި ބޮޑު ލީޑު ރާއްޖެއިން ކުޑަކުރި ނަމަވެސް، ތުރުކުމެނިސްތާނުގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ. އެ ސެޓު ތުރުކުމެނިސްތާނުން ގެންދިޔައީ 25-20 އިންނެވެ.
ތިންވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެ ސެޓުގެ ކުރީކޮޅުން ފެށިގެން ތުރުކުމެނިސްތާނުން ދިޔައީ އޭގެ ފައިދާ ނަގައި، ފަރަގު ބޮޑުކުރަމުންނެވެ. އެ ސެޓު ތުރުކުމެނިސްތާނުން ގެންދިޔައީ 25-19 އިންނެވެ.
އެ މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކިރްގިސްތާނާއި އުޒްބަކިސްތާނެވެ.
އެ މުބާރާތުގައި ރާއްޖެއަށް އެންމެ ފަހުން މެޑެއްޔެއް ހޯދިފައިވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖެއިން ލޯ މެޑެއްޔެއް ހޯދި އިރު، އޭގެ ކުރިން 2015 ވަނަ އަހަރު ރާއްޖެއިން ރިހި މެޑެއްޔެއް ހޯދިއެވެ.