އަލީ ރިފްޝާން
އަންނަ އަހަރުގެ އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ރާއްޖެއިން ހުށަހެޅި ބިޑް ކާމިޔާބުކޮށްފިއެވެ.
އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ރާއްޖެއިން ހުށަހެޅި ބިޑް ކާމިޔާބުކުރިކަން އިއުލާންކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައެވެ.
ރާއްޖެއިން ބިޑް ހުށަހަޅާފައިވަނީ މިހާރު ނޭޕާލުގައި ކުރިއަށްދާ ފިރިހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތެރެއިން ބޭއްވި އޭވީސީ ސެންޓްރަލް ޒޯންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބިޑް ހުށަހެޅުއްވީ ވޮލީބޯޅަ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމެވެ.
މީގެ ކުރިން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ އަހަރު ބާއްވާ އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތުގެ އިތުރުން ފިރިހެން މުބާރާތް ބޭއްވުމަށް ވެސް ރާއްޖެއިން ބިޑް ކުރާނެ ކަމަށެވެ.
މީގެ ކުރިން 2017 ވަނަ އަހަރު ފިރިހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބާއްވާފައިވަނީ ރާއްޖޭގައެވެ. އެ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ ޓީމަށް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ރާއްޖެއިން ރިހި މެޑެއްޔެއް ހޯދި އިރު، 2016 ވަނަ އަހަރު ރާއްޖެއިން ވަނީ ލޯ މެޑެއްޔެއް ހޯދައިފައެވެ.