ހުތުބާ

އެއް ޖިންސުން ގުޅުން ހިންގުމަކީ މިދުނިޔެ މަތީގައި މާތްﷲގެ ކޯފާ އާއި އަޒާބު އަތުވެދާނެ ކަމެއް: ހުތުބާ

އެއް ޖިންސުން ގުޅުން ހިންގައި، އެއް ޖިންސުގެ ދެ މީހުން ކައިވެނީގެ ނަމުގައި ގުޅުމަކީ މިދުނިޔެ މަތީގައި މާތްﷲގެ ކޯފާ އާއި އަޒާބު އަތުވެދާނެ ކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އަންހެނަކާއި ފިރިހެނަކު ކައިވެނީގެ ގޮތުން ގުޅުމަކީ އިންސާނީ ފިތުރަތުގައި ލައްވާފައިވާ ވަރަށް މުގައްދަސް ގުޅުމެއް ކަމަށާއި އެއާ ހިލާފަށް އެއް ޖިންސުގެ ދެމީހުން ކައިވެނީގެ ގޮތުން ގުޅުމަކީ އިސްލާމް ދީން ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ.

"ކައިވެނި ކުރުމަކީ އަންހެނަކާއި ފިރިހެނަކު ޝަރުއީ ހަމަތަކުގެ މަތީން މަންފާއެއް ލިބިގަތުމަށް ކުރާ އަގުދެކެވެ. އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި ކައިވެނީގެ މުގައްދަސް ގުޅުން ވަނީ ހުއްދަކުރައްވައިފައެވެ. އަންހެނަކާއި ފިރިހެނަކު ކައިވެނީގެ ގޮތުން ގުޅުމަކީ އިންސާނީ ފިތުރަތުގައި ލައްވާފައިވާ ވަރަށް މުގައްދަސް ގުޅުމެކެވެ. މިއާ ހިލާފަށް އެއް ޖިންސުގެ ދެމީހުން މިފަދަ ނަމަކުން ގުޅުމަކީ އިސްލާމް ދީން ހަރާމް ކުރައްވާފައިވާ ކަމެކެވެ. އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތްﷲގެ ކޯފާ އާއި އަޒާބު މި ދުނިޔެ މަތީގައި އަތުވެދާނޭ ކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ސަލާމްލެއްވި ލޫތުގެފާނުގެ ގައުމުގެ މީހުން ހަލާކު ކުރެއްވީ އެއް ޖިންސުން ގުޅުން ހިންގުމުގެ ސަބަބުން ކަމަށާއި އަލިފާނުން ދޮންވެފައި ހުރި ގިނި ހިލައިގެ ވާރޭއެއް އެމީހުންގެ މައްޗަށް ވެއްސަވައި، އެމީހުން ދިރިއުޅުނު ރަށް ސަދޫމް ބަންޑުން ޖެއްސެވި ކަމަށެވެ.

"ހަލާކު ކުރެއްވި މީހުންގެ ތެރޭގައި ލޫތުގެފާނުންގެ އަނބިކަނބަލުން ވެސް ވިއެވެ. އަޅުގަނޑުމެން އެންމެ ވެސް ދަންނަ ގޮތުގައި ލޫތުގެފާނުގެ ގައުމުގެ މީހުން ކުރި ހުތުރު އަމަލަކީ މާތްﷲ ކަނޑައަޅުއްވާފައިވާ ނިޒާމާ ހިލާފުވެ، އެއް ޖިންސުން ގުޅުން ހިންގުމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ ލޫތުގެފާނުގެ ގައުމު އޮތް ތަނުގައި މިހާތު އޮތީ ލޮނުގަދަ ޑެޑްސީ އޭ ކިޔާ ކަނޑެއް ކަމަށެވެ. އަދި މާތްﷲ ދިވެހިންގެ މައްޗަށް އެފަދަ ކޯފާއެއް ފޮނުއްވުމުގެ ކުރިން އެންމެން އެކުގައި އިސްލާހުވުމަށް ވެސް ހުތުބާގައި ގޮވާލާފައިވެއެވެ.